ތ. ވޭމަންޑޫގައި އަންހެން ކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުން މިއަދު މެންދުރު 14:50 ހާއިރު ތ. ވޭމަންޑޫގައި އީދުގެ މުނަސާބަތުގައި ކުރިއަށް ގެންދިޔަ ކުލަޖެހުމުގެ ހަރަކާތުގެ ތެރެއިން އުމުރުން 31 އަހަރުގެ ފިރިހެނަކު، އުމުރުން 19 އަހަރުގެ އަންހެނަކާ މެދު ބަދު އަހުލާގީ އަމަލު ހިންގާފައިވާ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މިމައްސަލަ ރިޕޯޓް ކޮށްފައިވަނީ މިއަދު 19:50 ހާއިރު ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މިމައްސަލަ ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ދަނީ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބަދު އަހުލާގީ އަމަލު ހިންގި މީހާއަކީ ސިފައިންގެ މީހެއް ކަމަށް ވަނީ އަޑުފެތުރިފައެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އެމްއެންޑީއެފުން ވަކި އެއްޗެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.