ޕާކިސްތާނާއި އިންޑިއާއާ ދެމެދު ކަޝްމީރު ބައިކުރާ އިން ނުވަތަ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ދެފަރާތުގެ ސިފައިން ހަމަލާތައް ބަދަލުކުރަން ފަށައިފިއެވެ.

ޕާކިސްތާނު އަސްކަރިއްޔާއިން މިއަދު ބުނެފައިވަނީ، ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ދެފަރާތުން ބަދަލުކުރި ހަމަލާތަކުގައި، އިންޑިއާ ސިފައިން ހަމަލާ ދިނުމުގެ ސަބަބުން ޕާކިސްތާނު ސިފައިންގެ ތިންމީހުން މަރުވެފައިވާ ކަމަށެވެ.

އަދި ޕާކިސްތާނު ސިފައިންގެ ހަމަލާތަކުގައި އިންޑިއާ ސިފައިންގެ ފަސްމީހުން މަރާލެވިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް އާސިފް ޣަފޫރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަޝްމީރު ބައިކުރާ އިން ހުރަސްކޮށް ޕާކިސްތާނުގެ ތެރެއަށް ދޭ ހަމަލާތައް އިންޑިއާ ސިފައިން އިތުރުކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިންޑިއާ އަސްކަރިއްޔާއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ޕާކިސްތާނާއި، އިންޑިއާ ސިފައިން ހަމަލާތައް ބަދަލުކުރަން މިފެށީ، އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅިއަށް ދީފައިއޮތް ޒާތީ މިނިވަންކަން އިންޑިއާ ސަރުކާރުން ނިގުޅައިގަތުމާ ގުޅިގެން މަސްރަހް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.

ޕާޚިސްތާނާއި އިންޑިއާ، މިނިވަންވިފަހުން މިހާތަނަށް ތިން ހަނގުރާމަ ކޮށްފައިވާއިރު، އޭގެ ތެރެއިން ދެ ހަނގުރާމަ ކޮށްފައިވަނީ ކަޝްމީރުގެ މައްސަލާގައެވެ.

ޕާކިސްތާނުގެ މީޑިއާއިން ބުނެފައިވަނީ، އިންޑިއާ ސިފައިން ކަޝްމީރުގެ ޕާކިސްތާނު ފަޅިއަށް ހަމަލާދިނުން އިތުރު މިކުރީ، ޖައްމޫ އެންޑް ކަޝްމީރު މައްސަލައަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާތީ އެކަން އެހެން ދިމާއަކަށް އަނބުރާލަން ކަމަށެވެ.