ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް އިންޑިއާއިން ހިންގާ އުދުވާނު ކުށްވެރިކޮށް އެތައްހާސް މުސްލިމުން، އިންޑިއާއާ ދެކޮޅަށް އަޑުއުފުލައި ލަންޑަންގައި މުޒާހަރާ ކޮށްފިއެވެ.

މުޒާހަރާއަށް ނުކުތް މީހުން ތިބީ ޕާކިސްތާނާއި، ކަޝްމީރަށް ނިސްބަތްވާ ދިދަ ހިފައިގެންނެވެ.

އެމީހުން މުޒާހަރާ ކޮށްފައިވަނީ ލަންޑަންގައި ހުންނަ އިންޑިއާ ހައިކޮމިޝަން ދޮށުގައެވެ.

މުޒާހަރާއަށް ނުކުތް މީހުން ތިބީ "ކަޝްމީރު އަނދަނީ! ކަޝްމީރު މިނިވަންކުރޭ" ފަދަ އިބާރާތްތައް ލިޔެފައިވާ ބެނާތައްވެސް ހިފައިގެންނެވެ. އަދި ހަނގުރާމައަށް ނުގޮސް ސުލްހަ ހޯދުމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ގޮވާލައި ބެނާތައްވެސް ލިޔެފައި ހުއްޓެވެ.

ލަންޑަންގައި މިއަދު ބޭއްވި މުޒާހަރާގެ އެތައް ގަޑިއިރެއް ކުރިން އިނގިރޭސިވިލާތުގެ އެކި ރަށްތަކުން މުސްލިމުން، އިންޑިއާ ހައިކޮމިޝަން ހުންނަ ސަރަހައްދަށް ޖަމާވާން ފަށާފައި ވެއެވެ.

މުޒާހަރާއަށް އެއްވި މީހުންނާ މުޚާތަބުކޮށް ޕާކިސްތާނަށް ތާއީދުކުރާ ލަންޑަންގެ އެކްޓިވިސްޓުން ތަގްރީރުތައް ކުރިއެވެ. އެގޮތުން، ކަޝްމީރުގެ މުސްލިމުންނާމެދު އިންޑިއާއިން ހިންގާ އަނިޔާވެރިކަން ހުއްޓާލުމަށާއި، ކަޝްމީރު މިނިވަން ކުރުމަށްވެސް ގޮވާލިއެވެ.

ކަޝްމީރުގެ މުސްލިމުންނަށް ތާއީދުކޮށް އަދި އިންޑިއާ ދެކޮޅަށް، ލަންޑަންގައި ދިރިއުޅޭ ސިކުންގެ ޖަމާއަތަކުންވެސް މިއަދުގެ މުޒާހަރާގައި ބައިވެރިވެފައި ވެއެވެ.