އައްޑޫ މެޑިސިޓީގެ އޮފިޝަލް ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން ރޭ ލޯންޗުކޮށްފިއެވެ.

އައްޑޫ މެޑިސިޓީގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޕްލިކޭޝަން ލޯންޗުކޮށްދެއްވީ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދެވެ.

ވީނިއުސްއަށް މައުލޫމާތުދެއްވަމުން އައްޑޫ މެޑިސިޓީގެ އޮޕަރޭޓިން މެނޭޖަރ ޔޫސުފް ހަނީން ވިދާޅުވީ އައްޑޫ މެޑިސިޓީގެ ނަމުގައި ތައާރަފުކުރި މި މޯބައިލް އްޕްލިކޭޝަނަކީ ސިއްހީ ދާއިރާއަށް ހާއްސަ ކޮށްގެން ރާއްޖޭގައި ތައާރަފުކުރި މިފަދަ ފުރަތަމަ އެޕްލިކޭޝަން ކަމަށެވެ.

އައްޑޫ މެޑިސިޓީގެ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް ހަނީން ވިދާޅުވިއެވެ. އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓޯކަން ނަންބަރުވެސް ލައިވް ކޮށް ބަލާލެވޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޑޮކްޓަރުންގެ ޑިއުޓީ ޝެޑިއުލްވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެ ކަމުގައި ހަނީން ވަނީ ވިދާޅުވެފަވެ.

މި އެޕްލިކޭޝަންގައި ވަނީ އައްޑޫ މެޑިސިޓީއިން ފަރުވާ ލިބޭ ޑިޕާޓްމެންޓްތައްވެސް ހިމަނާފައެވެ. އެގޮތުން ކާޑިއުލޮޖީ، ޑެންޓިސްޓްރީ، އީއެންޓީ، ޖެނެރަލް މެޑިސިން، އިންޓާނަލް މެޑިސިން، އޮބްސްޓެޓްރިކްސް އެންޑް ގައިނިކޮލޮޖީ، ޕީޑިއެޓްރިކްސް އަދި ޔޫރޮލޮޖީ ހިމެނެއެެވެ. އަދި ލެބޯޓްރީގެ ހިދުމަތާއި، ރޭޑިއޮލޮޖީ އަދި ކްލިނިކަށް އައުމަށް ދަތިވާ ފަރާތްތަަކަށް ގޭގެއަށް ޒިޔާރަތްކޮށްގެންވެސް ހިދުމަތް ދެވޭނެ ކަމަށް ހަނީން ވިދާޅުވިއެވެ.

މެޑިސިޓީއިން ބުނީ ރޭ ތަޢާރަފްކުރީ އެޕްލިކޭޝަންގެ ފުރަތަމަ ފޭސް ކަމަށާ އަންނަ އަހަރު އިތުރު ޚިދުމަތްތަކަކާއެކު މި އެޕްލިކޭޝަންގެ ދެވަނަ ފިޔަވަހި ތަޢާރަފްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި އެޕްލިކޭޝަން ފަރުމާ ކުރި ފަރާތުން ބުނީ މިއީ ޓެކްނޮލޮޖީގެ ގޮތުން ލިބޭ ކުރިއެރުންތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި އައްޑޫ ރައްޔިތުންނަށް ކޮށްދިން ކަމެއް ކަމަށެވެ.

މަލްޓި-ސްޕެޝަލިޓީ ކްލިނިކެއްގެ ގޮތުގައި އައްޑޫ މެޑިސިޓީގެ ހިދުމަތް ފަށާފައި ވަނީ މި އަހަރުގެ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހެވެ.

ހަނީން ވިދާޅުވީ މި އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުން ޑައުލޯޑް ކުރެވޭނެ ކަމަށެވެ.