ކަނޑު އަޑީގެ ދިރުންތަކާއި ޚިލާފަށް އިންސާނުންނަކީ ކަނޑު އަޑީގައި ނޭވާލުމުގެ ގާބިލްކަން ލައްވާފައިވާ ދިރުމެއް ނޫނެވެ. ކަނޑު އަޑީގައި ފީނާން، އިންސާނުންނަށް ޚާއްސާ އާލަތްތަކެއް ބޭނުންވެއެވެ. އަދި، "ކޮމްޕްރެސްޑް އެއަރ" ނުވަތަ ނޭވާލުމަށް ވައި ފޯރުކޮށްދޭނެ ނިޒާމެއް ބޭނުންކުރާން ޖެހެއެވެ. ނަމަވެސް، އެކަން މުޅީން ބަދަލުވާން އުޅޭކަމުގެ ކޮޅުމަތި މިވަނީ ފެންނާން ފަށާފައެވެ.

މި މާސްކަކީ، މަސްމަހާމެހީގެ "ގިލް" ނުވަތަ "މަހަވަޅި" ފަދައިން މަސައްކަތް ކުރާ އެއްޗެކެވެ. "އެމްފިބިއޯ"ގެ ނަން ދީފައިވާ މި މާސްކަކީ 3ޑީ ޕްރިންޓިންގް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެކެވެ. މި މާސްކް އުފައްދާފައިވަނީ ރޯޔަލް ކޮލެޖް އޮފް އާޓްއިން ތަޢުލީމް ހާސިލްކޮށްފައިވާ ޑިޒައިނަރެއް ކަމަށްވާ ޖޫން ކަމޭއީއެވެ. އޭނާއަށް މިކަމުގައި އެހީތެރިވެދީފައިވަނީ ޖަޕާނުގެ އާރްސީއޭ-އައިއައިއެސް ޓޯކިޔޯ ޑިޒައިން ލެބްއެވެ.

މިފަދަ މާސްކެއް އީޖާދު ކުރުމުގެ ޚިޔާލު ޖޫންއަށް ލިބުނީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ އައްސޭރިފަށުގައި އޮންނަ ކުދި ޖަޒީރާ ޤައުމުތަކަށް އަންނަމުންދާ ބަދަލުތަކާއިމެދު ވިސްނަމުން ދަނިކޮށެވެ. "މޫސުމީ ބަދަލުތަކާއި، އުމްރާނީ ތަރައްޤީގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ދަނީ އުފުލެމުން. މިފަދަ މާސްކެއް އުފެއްދުމުގެ ޚިޔާލު ލިބުނީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއިމެދު ވިސްނަނިކޮށް،" އޭނާ ބުންޏެވެ.

މި މާސްކް އީޖާދުކުރުމަށް އޭނާ ދިރާސާކޮށްފައިވަނީ ކަނޑުގެ އަޑިއަށް ފީނުމުގެ ކުޅަދާނަކަން ޤުދުރަތުން ލައްވާފައިވާ ސޫފާސޫފިއެވެ. މި މާސްކަކީ، ދެ ކަމެއް ހާސިލްކުރެވޭ އެއްޗެކެވެ. ފުރަތަމަ ކަމަކަށް، ފެނުގެ ތެރޭގައި ހުންނަ "އޮކްސިޖަން" (ދިރޭތަކެތި ނޭވާލުމަށް ބޭނުންކުރާ މާއްދާ) ވަކިކޮށްދެއެވެ. އަދި، ދެވަނަ ކަމަކަށް، އިންސާނުން ނޭވާލުމަށްފަހު ބޭރުކުރާ "ކާބަން ޑައި އޮކްސައިޑް" ވަކިކޮށް، ބޭރުކޮށްދެއެވެ.

މިހާރު ކުރިއަށްދަނީ މި މާސްކް ޓެސްޓު ކުރުމުގެ މަރުހަލާއެވެ. ޓޭންކުތަކުގައި ހަދާފައިވާ ޓެސްޓުތައް ކާމިޔާބު ވެފައިވާއިރު، މިއީ ކަނޑުއަޑީގައި ނޭވާލުމަށް އިންސާނުންނަށް ބޭނުންކުރެވިދާނެ ރައްކާތެރި އެއްޗެއްތޯ ބެލުމަށް ޓެސްޓުތައް މިހާރުދަނީ ކުރަމުންނެވެ. "މިފަދަ މާސްކެއް ފަރުމާ ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި. އެއް ސަބަބަކީ، އިންސާނުންނަކީ ނޭވާލުމަށް ގިނަ އަދަދަކަށް އޮކްސިޖަން ބޭނުންވާ ދިރުމެއް ކަން. ނަމަވެސް، މިއީ ކަނޑުއަޑީގައި ނޭވާލާން ބޭނުންކުރެވިދާނެ އެއްޗެކަށް ހެދުމަށް މަސައްކަތް ކުރަމުން މިދަނީ،" އުންމީދާއިއެކު ޖޫން ބުންޏެވެ.