އިންޑިއާގެ ދެކުނުހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ކަރްނާޓަކާގެ ވެރިރަށް ބެންގަލޫރު ކުއްލި ހާލަތަށް ގެނެސްފިއެވެ.

އެގޮތުން، ހަތިޔާރުއެޅި ފުލުހުން މުޅި ބެންގަލޫރު ސިޓީގެ އެކި ހިސާބުތަކުގައި ވަރުގަދައަށް ފޯރި މަރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބެންގަލޫރު ސަލާމަތީ ކުއްލި ހާތަށް މިގެނައީ، އެ ސިޓީގެ ފުލުހުންގެ ވެރިޔާ ބާސްކަރު ރާއޯ، ފުލުހުންނަށް އެންގެވި އެންގެވުމަކާ ގުޅިގެން ކަމަށް ވެއެވެ. އެ އެންގެވުމުގައިވަނީ، ބެންގަލޫރު ސިޓީގެ މުހިންމު ހުރިހާ ބިނާތަކާއި، ތަންތަނަށް ހަތިޔާރުއެޅި ފުލުހުން ނެރެ ސަލާމަތީ ފިޔަވަޅު ވަރުގަދަ ކުރުމަށެވެ.

އެގޮތުން، ކޯޓު އިމާރާތްތަކާއި، ރޭލާއި ބަސް ސްޓޭޝަންތަކާއި، ސްކޫލްތަކާއި، ވިޔަފާރި މޯލްތަކާއި، ފަސްތަރީގެ ހޮޓާތައްފަދަ ތަންތަނުގައި އާންމުންނަށްވެސް އިހްސާސް ކުރެވޭ މިންވަރަށް ފޯރިމެރުމަށް އަންގަވާފައި ވެއެވެ.

ހަމަ އެއާއެކު، މުހިންމު ބިނާތަކާއި، ތަންތަނާއި، ފުލުހުންގެ ޗެކްޕޮއިންޓްތައް ގާއިމްކޮށްފައިވާ ސަރަހައްދުތަކުގައި ހުރި ސީސީޓީވީ ކެމެރާތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ބެލުމަށާއި، ޝައްކުކުރެވޭ ވެހިކަލްތައް ބަލައި ފާސްކުރުމަށްވެސް ފުލުހުންގެ ވެރިޔާ އަންގަވާފައި ވެއެވެ.

އިތުރު އެންގުމެއް އަންގަންދެން، ފުލުހުން އެންމެމަތީ މިންވަރަށް ސަލާމަތީ ކަންކަން ބެލެހެއްޓުމަށް، ބެންގަލޫރު ސިޓީ ޕޮލިސް ކޮމިޝަނަރ ބާސްކަރު އެންގެވި ނޯޓްގައި ލިޔެފައިވާ ކަމަށް، އިންޑިއާގެ މީޑިއާއިން ބުނެފައި ވެއެވެ.

ފުލުހުންގެ ވެރިޔާގެ އެންގެވުމުގައި ސީރިއަސް ކަންތައްތަކެއް އުޅޭކަމަށް މީޑިއާއިން ޚަބަރު ފަތުރާން ފެށުމުން، ބާސްކަރު ފަހުންވަނީ، އެހެން ގޮތަކަށް ވާހަކަ ދައްކަވާފައެވެ.

އޭނާ ވިދާޅުވީ، އެ އެންގެވުމަކީ ސަލާމަތީ ތަމްރީނެއްގެ ބައެއް ކަމަށާއި، މިއީ، ސަލާމަތީ ގޮތުން ނުރައްކަލެއް ކުރިމަތިވާއިރު ބެންގަލޫރު އެކަމަށް ތައްޔާރުވެފައިވަނީ ކިހާ މިންވަރަކަށްތޯ ބެލުމަށް އެންގެވި އެންގެވުމެއް ކަމަށެވެ.

ބެންގަލޫރު ސަލާމަތީގޮތުން ކުއްލި ހާލަތަށް ގެނައިރު، އިންޑިއާގެ ދެކުނުގެ ބައެއް ސްޓޭޓްތަކުގައި ހިންގާ ވަކިވެގަތުމުގެ ހަރަކާތްތައްވެސް މިދުވަސްވަނީ އިތުރުވެފައެވެ.

އިންޑިއާގެ ކިބައިން ވަކިވެ، މިނިވަންވުމަށް އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ހަތިޔާރުއެޅި ޖަމާއަތްތަކުން ހަނގުރާމަކުރަމުން ގެންދެއެވެ.

އިންޑިއާގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ހަމައެކަނި ސްޓޭޓް ކަމަށްވާ، ޖައްމޫ އެންޑް ކަޝްމީރަށް އިންޑިއާގެ ގާނޫނުއަސާސީން ދީފައިއޮތް ޒާތީ މިނިވަންކަން ބޮޑުވަޒީރު މޯދީގެ ސަރުކާރުން ނިގުޅައިގަތުމުން، މިކަމަކީ އިންޑިއާގެ މިނިވަންކަމުގެ ބާނީ ޖަވާހަރްލާލް ނެހްރޫ ގާއިމްކުރެއްވި އިންޑިއާ ފުނޑުފުނޑުކޮށްލުމަށް ހިންގާ ޖަރީމާއެއް ކަމަށްބުނެ އިންޑިއާގެ އެތެރެއިން މޯދީއަށާއި، ބީޖޭޕީގެ ވެރިންނަށް އެތައް ފާޑުކިއުންތަކެއްވެސް އަމާޒުވެފައި ވެއެވެ.