ގައުމީ ފުޓްބޯޅަ ޓީމުން ރިޓަޔާ ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ބުނެފި އެވެ.

ދަގަނޑޭ މިހެން ބުނެފައިވަނީ ބ. އޭދަފުށީގައި ހުރެ އޮންލައިން ނޫސް "ފަހުމިނެޓް" އަށް ދިން އިންޓަވިއުއެއްގައެވެ.

ދަގަނޑޭ އެންމެ ފަހުން ގައުމީ ޓީމާއެކު މެޗެއް ކުޅެފައިވަނީ، އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި 2017 ވަނަ އަހަރު މާޗްމަހު ފަލަސްތީނާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗުގައެވެ.

ކޮލިފައިންގެ އެންމެ ފަހު މެޗުގައި މާލޭގައި ބޫޓާން އާ ދެކޮޅަށް ކުޅެން ޓީމު ތައްޔާރުވިއިރު، ޓީމުގެ ޕްރީ މެޗު ޕްރެސްއަށް ހާޒިރު ނުވުމުން ދަގަނޑޭ ޓީމުން ވަކިކުރަން ގައުމީ ޓީމުގެ ކޯޗު ޕިޓާ ސެގަޓް ވަނީ ނިންމާފައެވެ.

"ފަހުމިނެޓް" އަށް ދިން އިންޓަވިއުއެއްގައި ދަގަނޑޭ ބުނެފައިވަނީ ގައުމީ ޓީމުން ޖާގަ ނުލިބުނު ނަމަވެސް، ރިޓަޔާކުރަން އަދި ނުވިސްނާ ކަމަށާއި، ޓީމަށް އަބަދުވެސް ކާމިޔާބަށް އެދޭ ކަމަށެވެ.

"އަދި ނުވިސްނަން ގައުމީ ޓީމުން ރިޓަޔާ ކުރާކަށް. މައްސަލަ މިހާ ހޫނުވެފަ އޮތް ވަގުތެއްގަ ގައުމީ ޓީމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވޭ. އަހަރެން އެދެނީ ޓީމަށް ކާމިޔާބު ލިބުން. އަހަރެން ބޭނުމެއް ނުވޭ އަހަރެން ބުނާ އެއްޗެއްގެ ސަބަބުން ޓީމަށް އަސަރެއް ކުރާކަށް. މާދަމާވެސް ފުރައިގެންދާނީ ކޯޗު. ކުޅެންތެރިން ހަމަ ތިބޭނީ މިތަނުގައި" އޮންލައިން ނޫސް "ފަހުމިނެޓް" އަށް ދިން އިންޓަވިއުއެއްގައި ދަގަނޑޭ ބުންޏެވެ.

ދަގަނޑޭއަށް ގައުމީ ޓީމުން ފުރުސަތު ގެއްލިފައިވާއިރު، ރަސްމީކޮށް 2001 ވަނަ އަހަރުގެ ފަހުކޮޅު ފުޓްބޯޅަ ކުޅެންފެށި ދަގަނޑޭ، ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މީގެކުރިން ހަވީރު ސްޕޯޓްސް އެވޯޑްސްގައި 2003، 2007، 2009، 2011 އަދި 2013 ގައި ވަނީ ހޯދާފައެވެ. ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ދެން އެންމެ ގިނައިން ހޯދުނު ކުޅުންތެރިންނަށް ވެސް އެކަން ކުރެވިފައިވަނީ ދެފަހަރެވެ.

މިދިޔަ ސީޒަނުގައި ނިއުރޭޑިއަންޓާއެކު އެސްޓީއޯ މާލޭ ލީގު ކާމިޔާބުކޮށް އަދި ފަހުން ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ދަގަނޑޭ މިދިޔަ އަހަރުގެ މިހާރު އެވޯޑްސްގެ އެއްވަނަ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދީ ތަފާތު ބޮޑުކޮށް 1818 ޕޮއިންޓާ އެކުއެވެ.

މީގެއިތުރުން މިހާރު އެވޯޑްސްގެ ފުޓްބޯޅައިގައި ހިމެނޭ ރަންބޫޓު އެވޯޑް ވެސް ދަގަނޑޭ ވަނީ ހޯދާފައެވެ. އޭނާ އެ އެވޯޑް ހޯދީ 42 ގޯލް ޖަހައިގެންނެވެ. މިއީ އޭނާ އެ އެވޯޑް ހޯދި އަށްވަނަ ފަހަރެވެ.

މީގެކުރިން ދަގަނޑޭ މިއެވޯޑް ހާސިލްކުރީ ހަވީރު ސްޕޯޓްސް އެވޯޑްސްގައި 2003، 2004، 2005، 2008، 2009، 2010 އަދި 2013 ގައެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ގައުމީ ޓީމުން ބާކީކުރުމުން، ގިނަ ބައެއް ފާޑުކިޔުން ކޯޗު ޕީޓާ ސެގާޓަށް ވަނީ އަމާޒުވެފައެވެ.