ދިވެހި އަމިއްލަ ރާގަށް ދިވެހިން ދޭ ސަމާލުކަމާއި ޝައުގުވެރިކަން، ރާއްޖެއިން ބޭރުގެ ފަރާތްތަކުންވެސް އެލަވަތަކަށް ދެމުންދާކަމީ ދިވެހި މިޔުޒިކު ފުޅާވެ ކުރިއަރައިދިޔުމަށް ތަނަވަސްވާ ފުރުސަތެކެވެ. މިގޮތުން މަދުންނަމަވެސް ރާއްޖޭގެ އަމިއްލަ އުފެއްދުންތައް ބޭރުގެ މިޔުޒިކީ ފަންނާނުންނާއި ބޭންޑްތަކުން ކުޅެ، ރެކޯޑްކޮށް އާންމުކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ.

މިމަހުގެ 15 ވަނަ ދުވަހު ބޫޓާންގެ އެމް ސްޓޫޑިއޯ އިން ޔޫޓިއުބްގައި އާންމުކޮށްފައިވާ "ޗާލޭ" ލަވަޔަކީ މިގޮތުން ފާހަގަކޮށްލެވުނު ލަވައެކެވެ. 2007 ވަނަ އަހަރު ރާއްޖޭގެ ޓްރިއޯ ބޭންޑުން އުފައްދާފައިވާ "ޗާލޭ" ލަވައަކީ މިއަދާ ހަމައަށްވެސް ފަނޑުވުމެއްނެތި އިވެމުންދާ ވަރަށް ރީތި ލަވައެކެވެ. ތަފާތު ހަފުލާތަކުގައާއި ޝޯތަކުގައި މި ރާގު އެކި ބޭންޑްތަކުންނާއި ލަވަކިޔުންތެރިން މިހާރުވެސް އިޔާދަކުރަމުން ގެންގޮސްފައިވެއެވެ.

ބޫޓާންގެ އެމް ސްޓޫޑިއޯ އިން ޔޫޓިއުބްގައި އާންމުކޮށްފައިވާ މި ލަވަ ކިޔާފައިވަނީވެސް ދިވެހި ބަހުންނެވެ. ބައެއް ބަސް ކިޔުމުގައި ކޮށިގޮތެއް ހުރިކަމުގައިވިޔަސް ޖުމްލަ ގޮތެއްގައި މި ލަވަ ހުށަހަޅާދީފައިވާ ގޮތް ވަރަށް ފުރިހަމައެވެ.