ނިމިދިއަ ސަރުކާރުން އެއްވެސް ސަބަބެއް ބަޔާންނުކޮށް ކޮންޓްރެކްޓް ބާތިލްކޮށް އަދި އެނޫން ގޮތްގޮތަށްވެސް ގެއްލުންވާގޮތަށް ބާތިލްކޮށްފައި ހުރި މައްސަލަތައް އެބަހުރި ކަމަށާއި، އެފަދަ ފަރާތްތަކަށް ދައުލަތުން ބަދަލުދޭންޖެހޭ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން މިހެން ވިދާޅުވީ ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަލްއުސްތާޛު އަހުމަދު އަބުދުﷲ އަފީފުއެވެ.

ވީނިއުސްރޫމްގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން، އަލްއުސްތާޛު އަހުމަދު އަބުދުﷲ އަފީފު ވިދާޅުވީ، ހައްގު ގޮތުގައި ބަދަލުދޭންޖެހޭ ފަރާތްތަކަށް ދައުލަތުން ބަދަލުދެވޭނެ ގޮތްތަކެއް ބަލަމުންދާކަމަށެވެ.

ދައުލަތުން ބަދަލުދޭންޖެހޭ އެފަދަ ބޮޑެތި ގިނަ މައްސަލަތައް ހުރިކަން ފާހަގަކުރައްވައި އަފީފު ވިދާޅުވީ، ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ޤާނޫނާއި ޚިލާފަށް ބާތިލްކޮށްފައި އެބަހުރި ކަމަށެވެ. އަދި އެފަދަ މައްސަލަތައް ސިންގަޕޫރުގެ އާބިރޭޝަން ކޯޓާއި، ރާއްޖޭގެ ކޯޓުތަކުގައިވެސް އެބަހުރި ކަމަށެވެ. އަދި އާބިޓްރޭޝަނުންނާއި ކޯޓުތަކުން މައްސަލަ ބަލާއިރު ފުރަތަމަވެސް ބަލާނީ ދެފަރާތުގެ އެއްބަސްވުން އޮތްގޮތަށް ކަމަށާއި، އަދި އެއްބަސްވުމަކާއި ހިލާފުވެއްޖެނަމަ ބަދަލުދޭންޖެހޭނެ މިންވަރު ސަރުކާރަށްވެސް އެނގޭނެ ކަމަށެވެ.

އެހެންކަމުން އެފަދަ މައްސަލަތަކުގައި ދައުލަތަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލައި ދައުލަތަށް ގެއްލުން ކުޑަވާނެ ގޮތަކަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް އަފީފު ވިދާޅުވިއެވެ.

"ދައުލަތަށް އެންމެ ފައިދާހުރި ގޮތަކީ އެ އަދަދު އަންނަންދެން މަޑުކުރުންތޯއޭ. ނުވަތަ އެ ފައިސާލިބެންޖެހޭ މީހާއާ ވާހަކަދައްކައިގެން ދައުލަތަށް ލިބެންއޮތް ގެއްލުން ކުޑަކުރަންތޯ؟ އަޅުގަނޑަށް ފެންނަގޮތުގަ އެކަންކުރަންޖެހޭ ގޮތަކީ ދައުލަތަށް އެއްމެ ފައިދާހުރި ގޮތަށް. އެހެންވީމަ ސަރުކާރުން މިހާރު ކުރަމުންދާ ކަމަކީ އެގޮތަށް ކަނޑައެޅިގެން މިދިއަ ސަރުކާރުން ގެއްލުންދީފަތިބި ވިޔަފާރިވެރިންނާ ވާހަކަދައްކައިގެން ކުރިއަށްދާން." އަފީފު ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަލްއުސްތާޛު އަހުމަދު އަބުދުﷲ އަފީފު ވިދާޅުވީ އެފަދަ ފަރާތްތައް ކޯޓަށް ގޮސްފިނަމަ، ދައުލަތަށް އަންނަ މާލީ ބުރަ ބޮޑުވެގެންދާނެ ކަމަށެވެ.