ދިވެހިރާއްޖޭގައި މިހާރު ކިޔަވައިދޭ މަންހަޖު މުރާޖައާ ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް އިއްޔެ ފަށައިފި އެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން ޑރ. އަބްދުއްﷲ ރަޝީދު ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު ކިޔަވައިދެމުން އަންނަ މަންހަޖު މުރާޖައާ ކުރުމުގެ ގޮތުން ކުރެވޭ އަމަލީ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ. މިގޮތުން މަންހަޖު މުރާޖައާ ކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާ ކޭމްބުރިޖު ޔުނިވަސިޓީގެ ކޮންސަލްޓަންޓުން ރާއްޖެ ވަޑައިގެން އިއްޔެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ.

ޑރ. އަބުދުﷲ ރަޝީދު ވިދާޅުވީ ކޭމްބްރިޖުގެ ކޮންސަލްޓަންޓުންގެ ފުރަތަމަ މަސައްކަތަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ)ގެ ޕްރޮފެޝަނަލް ސްޓާފުންނަށް ދެ ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބޭއްވުން ކަމަށެވެ. މިގޮތުން އެ ކޮންސަލްޓަންޓުން ވިދާޅުވެ ދެއްވާނީ ކަރިކިއުލަމް މުރާޖައާ ކުރާނެ ގޮތް ކަމަށާއި އޭގެ އިތުރުން ކުލާސްރޫމުތަކުގައި ކިޔަވައި ދެވޭ ގޮތްވެސް އެބޭފުޅުން ބައްލަވާނެ ކަމުގައި ޑރ އަބުދުﷲ ރަޝީދު ވިދާޅުވި އެވެ. އަދި މިމަސައްކަތުގައި ކޭމްބްރިޖުގެ ކޮންސަލްޓަންޓުން ދެ ހަފްތާއެއްހައި ދުވަހު ރާއްޖޭގައި މަޑުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެެވެ.

ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ތައުލީމީ މަންހަޖު މުރާޖައާކުރުމުގެ މަސައްކަތުގައި މުދައްރިސުން ބައިވެރި ނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވީ ނަމަވެސް އެއީ ހަގީގަތެއް އެކުލެވޭ ވާހަކަތެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ކަރިކިއުލަމް މުރާޖައާ ކުރުމުގެ މަސައްކަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދަކަށް ވާތީ އެމުއްދަތުގެ ތެރޭގައި ސިމްޕޯޒިއަމްތަކާއި ސަރަހައްދީ ބައްދަލުވުންތައް ބޭއްވުނު ކަމަށެވެ. މިގޮތުން ރާއްޖޭގެ 3 ސަރަހައްދެއްގައި ބޭއްވުނު ސަރަހައްދީ ބައްދަލުވުންތަކުގައި 425 ޓީޗަރުންނާއި، 248 ބެލެނިވެރިންނާއި، 205 ކިޔަވާކުދިންނާ އެކު މައުލޫމާތު ބަދަލުކުރެވުނު ކަމަށެވެ.

"މައިގަނޑު އިވެންޓަކަށް ބޭއްވުނީ ފެބުރުއަރީ މަހުގެ ތެރޭގައި މާލޭގައި ބޭއްވުނު ކަރިކިއުލަމް ސިމްޕޯޒިއަމް. މި ސިމްޕޯޒިއަމްގައިވެސް 86 ޓީޗަރުންނާއި 41 ލީޑިންގ ޓީޗަރުން ބައިވެރިވެ ވަޑައިގެންނެވި" ޑރ އަބުދުﷲ ރަޝީދު ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ މަންހަޖު މުރާޖައާ ކުރުމުގެ މަސައްކަތް ހިނގަމުން ދަނީ ޓީޗަރުންގެ ހިޔާލެއް ނުހޯދައި ނުވަތަ ބައިވެރިވުމެއް ނެތިކަމުގައި ނުބުނެވޭނެ ކަމަށާއި މަންހަޖު މުރާޖައާކުރުމުގައި ސަރަހައްދީ ބައްދަލުވުންތަކާއި ސިމްޕޯޒިއަމްގައި މަޝްވަރާކުރެވުނު ކަންކަމަށް ވެސް ރިއާޔަތް ކުރެވޭނެ ކަމަށެވެ. އަދި މަންހަޖު މުރާޖައާކުރުމުގައި ކޭމްބްރިޖުގެ ދައުރަކީ ފަންނީ ލަފައާ އާއި އިރުޝާދު ދިނުން ކަމަށާއި، ދިވެހި އިސްލާމީ މުޖުތަމައަށް ފެތޭ ގޮތަށް މަންހަޖު މުރާޖައާކޮށް ބަދަލުކުރުމުގެ މަސައްކަތް ކުރާނީ އެންއައިއީން ކަމަށެވެ.

ރާއްޖޭގައި އަލަށް އެކުލަވާލައި އަމަލުކުރަން ފެށި މަންހަޖު މުރާޖައާ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު ހުރިހާ ކީސްޓޭޖުތަކަށް އަދި އައު މަންހަޖަށް ކިޔަވައިދޭކަށް ނުފެށެ އެވެ.