ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ބާއްވާ ދިރާގު ރޯޑް ރޭހުގައި ދިރާގު ޕޭ އިން ފައިސާ ދައްކައިގެން ޑިސްކައުންޓު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 20 ވާ ހުކުރު ދުވަހު ބާއްވާ މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

މި ރޯޑު ރޭހުގެ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ނަގާ 100 ރުފިޔާ އަކީ ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް ދިރާގުން ދޭ އެހީއެއް ކަމަށް އެކުންފުނިން ބުނެ އެވެ. ރަޖިސްޓްރޭޝަން ފީ ދައްކަން އޮންނަ ދެ ގޮތަކީ "ދިރާގު ޕޭ" އާއި ބެންކް އޮފް މޯލްޑިވްސް ގޭޓްވޭ އެވެ.

ދިރާގުން ބުނީ ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދައްކާ ފުރަތަމަ 1000 ފަރާތަށް 50 އިންސައްތަ ޑިސްކައުންޓު ލިބޭނެ ކަމަށެވެ. އަދި އެ ބައިވެރިންނަށްދޭ 50 ޕަސެންޓް ޑިސްކައުންޓާ އެކު އެ ދުވުންތެރިޔާގެ ފަރާތުން އަނެއް 50 ޕަސެންޓު ހަދިޔާކުރާނީ ދިރާގުން ކަމަށްވެސް އެކުންފުނިން ބުނެފައިވެ އެވެ.

ރޯޑް ރޭސް މެދުވެރިކޮށް ދިރާގުން ވަނީ 2018 ވަނަ އަހަރު 10 އެންޖީއޯ އަކަށް ޖުމްލަ 600،000 ރުފިޔާ ހަދިޔާކޮށްފަ އެވެ. އެއީ ދުވުންތެރިން ރެޖިސްޓްރޭޝަންގައި ދެއްކި ފައިސާ ނުވަތަ ޑޮނޭޝަނުގެ 100 އިންސައްތައިގެ އިތުރުން އެންމެ ގިނަ ދުވުންތެރިން ރެޖިސްޓްރޭޝަންގައި ހިޔާރުކުރި ފަސް ޖަމިއްޔާއަށް ދިރާގުން ހަދިޔާ ކުރި 200،000 ރުފިޔާގެ ފައިސާގެ އިނާމެވެ.

2007 ވަނަ އަހަރުގައި ދިރާގުން ތައާރަފްކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ މިއީ 13 ވަނަ އަހަރެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ މިގޮތުން ގިނަ ބަޔަކު ޝައުގުވެރިވާ ދުރާލާ އިންތިޒާރުކުރާ އަދި ރާއްޖޭގެ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ.