ކޭންބެއްލެވި ތަށިން ފެނުނީ، ތަރުކާރީ ބަންދުކުރާ " ކްލިންގ ފިލްމް" ކޮޅެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެންބަރުންނަށް އަރުއްވާ ފަރިއްކޮޅުން މިއަދު މެންދުރު މެންބަރު ޝިޔާމް ކޭންބައްލަވަން އިންނެވި ތަށިން، "ކޮންޑަމް" ކަހަލަ އެއްޗެއް ފެނުނު ކަމަށްބުނެ ބައެއް އޮންލައިން ތަކާއި ސޯޝަލް މީޑިއާއިން ވަނީ ފަތުރާފައެވެ.

ވީނިއުސް އަށް މައުލޫމާތު ދެއްވަމުން މެންބަރު ޝިޔާމް ވިދާޅުވީ ކޭން ބައްލަވަން އިން ތަށިން، ކޮތަޅު ކޮޅެއް ފާޑެއްގެ އެއްޗެއް ފެނުނު ކަމަށެވެ. އަދި ބޮޑަށް ބެލެވެނީ އެއީ ވެޖްޓަބަލްސް އެެއްޗެހި ރެޕްކުރަން ބޭނުންކުރާ ކަހަލަ "ކްލިންގ ފިލްމް" ކޮޅެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. މެންބަރު ޝިޔާމް ވިދާޅުވީ، އޭތި ފެނުމުން އެވަގުތު އެތަނުގައި ތިއްބެވި އެހެން މެންބަރުންވެސް އެތަނަށް ވަޑައިގެން އަދި މަޖިލީހުގެ ރައީސްވެސް ވަޑައިގެން ބެއްލެވި ކަމަށެވެ.

"އަޅުގަނޑަށް ބޮޑަށް ބެލެވެނީ އެއީ ތަރުކާރީ އެއްޗެހި ބަންދުކުރަން ގެންގުޅޭ ރެޕިންގް ކޮޅެއް ކަމަށް. އެއީ "ކޮންޑޮމް" އެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރެވޭ. އެ ހަމަ ހިނގާފާނެ ކަމެއް ދެއްތޯ. ކަރުދާސް ކޮޅެއް ކޮތަޅުކޮޅެއް އެއްޗެއް ފެނުން. އެކި ބޭފުޅުްނ ފޮޓޯ ނަންގަވާ ހެއްދެވި. އަޅުގަނޑަކަށް ނޭނގެ ސޯޝަލްމީޑިއާއަށް އެގޮތަށް އެ މައުލޫމާތު ދެއްވީ ކީއްވެކަމެއް. އަޅުގަނޑު ނުދެކެން މާބޮޑު މައްސަލައެއް ކަމަކަށް." މެންބަރު ޝިޔާމް ވިދާޅުވިއެވެ.

މެންބަރު ޝިޔާމް އިތުރަށް ވިދާޅުވީ އެކަމުގައި ރަސްމީކޮށް ހުށަނާޅުއްވާ ކަމަށާއި، ނަމަވެސް އާއްމު އުސޫލެއްގެ ގޮތުން އާއްމު ކޮމެޓީގެ މުގައްރިރުގެ ސަމާލުކަމަށް އެކަން ގެންނަވާފައިވާނެ ކަމަށެވެ. އެހެންކަމުން އެ ކޮމެޓީން އެކަން ބައްލަވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.