އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ވަނީ ޕެންސިލްވޭނިއާ ސްޓޭޓްގައި ކެމްޕޭން ޖަލްސާއެއް ބާއްވާފަ އެވެ. މި ޖަލްސާ ބާއްވާފައިވަނީ ތެޔޮ އުފައްދާ ކުންފުންޏެއް ކަމަށްވާ ޝެލް ކޯޕަރޭޝަން އިން އީތޭން ގޭސް އުފައްދާ ކާރުޚާނާއެއް ކަމަށްވާ ޕެންސިލްވޭނިއާ ޕެޓްރޯޗެމިކަލް ޕްލާންޓުގަ އެވެ.

ރިޔާސީ އައު ދައުރަކަށް ކުރިމަތިލުމަށް ނިންމަވާފައިވާ ޓްރަމްޕް މިހާރުވެސް ގެންދަވަނީ މިފަދަ ކެމްޕޭން ޖަލްސާތައް ބާއްވަވަމުންނެވެ. ނަމަވެސް މިފަދަ އެހެން ޖަލްސާތަކާއި މި ޖަލްސާއާއި ވަރަށް ތަފާތެވެ. މި ޖަލްސާއަށް މީހުން އެއްކޮށްފައިވަނީ ގަދަ ބާރުންނެވެ. ބޯ ގިނަ ކޮށްފައިވަނީ އެ ކާރުޚާނާގެ މުވައްޒަފުންނަށް ބިރު ދައްކައިގެންނެވެ. ކާރުޚާނާގެ މުވައްޒަފުންނަށް ބިރުދެއްކުމުގެ ގޮތުން ފޮނުވާފައިވާ މެމޯތަކެއް ސީއެންއެންއަށް ލިބި، އެ ނޫހުން ވަނީ އެ މެމޯތައް އާންމުކޮށްފަ އެވެ.

"މި ޖަލްސާގައި ބައިވެރިވުމުގައި އެއްވެސް މަޖުބޫރު ކަމެއް ނެތް. ނަމަވެސް ޖަލްސާގައި ބައިވެރި ނުވާ މުވައްޒަފުންނާ މެދު ބެލޭނީ، ރަސްމީ ގަޑީގައި ވަޒީފާގެ ޒިންމާތަކާށް ނޫނެކޭ ބުނެ، ޒިންމާތައް އަދާ ނުކުރާ ބައެއްގެ ގޮތުގައި. އަދި ޖަލްސާގައި ބައިވެރި ނުވާ އެއްވެސް މުވައްޒަފަކަށް އިތުރުގަޑީގެ ފައިސާ ނުލިބޭނެ،" އެ މެމޯގައި އިންޒާރުކޮށްފައިވެ އެވެ.

މީގެ އިތުރުން މި ޖަލްސާގައި ބައިވެރިވި މުވައްޒަފުންނަށްވެސް މި މެމޯތަކުގައި އެންގުންތަކެއް ވަނީ އަންގާފަ އެވެ. އެގޮތުން ޖަލްސާ ހިނގަމުންދާ ވަގުތު، އަދި ޚާއްސަކޮށް، ޓްރަމްޕް ވާހަކަފުޅު ދައްކަވަމުން ގެންދަވާ ވަގުތު، އޭނާއާއި ދެކޮޅަށް އެއްވެސް ކަމެއް ނުކުރުމަށް މުވައްޒަފުންނަށް އަންގާފައިވެ އެވެ. އަދި ޓްރަމްޕާއި ދެކޮޅަށް އަޑު ނުއުފުލުމަށާއި، މުޒާހަރާ ނުކުރުމަށްވެސް އަންގާފައިވެ އެވެ.

މި މެމޯގެ ސައްހަކަން ޝެލް ކޯޕަރޭޝަން އިން ދޮގު ކުރެ އެވެ. ނަމަވެސް ޖަލްސާގައި ބައިވެރި ނުވާ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ނުލިބޭނެކަން އަންގާފައިވާނެކަން އެ ކުންފުނީގެ ތަރުޖަމާނު ކަޓިސް މެތިއުސް ކަށަވަރުކޮށްދީފައިވެ އެވެ. މި ޖަލްސާގައި ދެވަނައަށް ތަފާތު ކަމަކީ، މިއީ ޓްރަމްޕްގެ ކެމްޕޭން ޓީމުން އިންތިޒާމުކޮށްގެން ބާއްވާފައިވާ ޖަލްސާއެއް ނޫނެވެ. މި ޖަލްސާއަކީ، ވައިޓް ހައުސްގެ ރަސްމީ ޖަލްސާ އެކެވެ.

"އަހަރެން ދެވަނަ ދައުރަކަށް އިންތިޚާބުވުމާ ދެކޮޅު މީހުން ވަޒީފާއިން ވަކިކުރުމަށް ޔޫނިއަންތަކަށް ގޮވާލަން. އަހަރެންނަށް ތާއީދު ނުކުރާ މީހުންނަށް ޔޫނިއަންތަކުގައި ނުތިބެވޭނެ. އެ މީހުން ޖެހޭނީ ބޭރު ކުރާން،" މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ އިތުރު އިންޒާރުތަކެއްވެސް ދެއްވާފަ އެވެ. މިކަމާ ގުޅޭގޮތުން ވައިޓް ހައުސްއިން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.