ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް އެކި މުބާރާތްތަކުން ލިބިފައިވާ 300،000ރ. (ތިންލައްކަ ރުފިޔާ) ގެ ފައިސާގެ އިނާމް ވަރަށް އަވަށް ކުޅުންތެރިންނަށް ބަހާނެ ކަމަށް އެފްއޭއެމް އިން ބުނެފިއެވެ.

ނިއު ރޭޑިއަންޓްގެ ހާލަތާއި ބެހޭގޮތުން ވީސްޕޯޓްސް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ނިއުގެ މައްސަލަ ބެލުމަށްފަހު ޕްލޭޔަސް ސްޓޭޓަސް ކޮމިޓީ އިން ނިންމާފައިވަނީ އެކުލަބަށް އެފްއޭއެމް އިން ދޭންޖެހޭ ފައިސާގެ ގޮތުގައިހުރި ތިންލައްކަ ރުފިޔާ ދިވެހި ކުޅުންތެރިންނަށް ހަމަހަމަ އުސޫލަކުން ބެހުމަށް ކަމަށާއި އެހެންކަމުން އެފައިސާ އެ ކުޅުންތެރިންނަށް ވަރަށް އަވަށް ބަހާނެ ކަމަށެވެ.

އެފްއޭއެމް އިން 12 ޖޫންގައި ނިއުއަށް ފޮނުވާފައިވާ ސީޓީއެއްގައި ބުނެފައިވަނީ 2018 ވަނަ އަހަރު އިނާމު ފައިސާގެ ގޮތުގައި އަދި ކުލަބަށް ދޭންޖެހޭ ފައިސާގެ ގޮތުގައި އެފްއޭއެމްގައި ހުރި ފައިސާ ދިވެހި 10 ކުޅުންތެރިންނަށް ހަމަހަމަ އުސޫލަކުން ދިނުމަށް ނިންމާފައިވާ ކަމަށާއި އެފައިސާ ދިނުމުން ދެން ދޭންޖެހޭ އަދަދު ވެސް ހިމެނިފައިވާނެ ކަމަށެވެ.

އެފްއޭމް އިން ބުނެފައިވާ 10 ކުޅުންތެރިންނަކީ އަލީ އަޝްފާގު (ގަދަނޑޭ) އާއި ކީޕަރު އިމްރާން މުޙައްމަދު، އަކްރަމް އަބްދުލްޣަނީ، އިމްރާން ނަޝީދު، މުޙައްމަދު އުމައިރު، ހަމްޒާ މުޙައްމަދު، މުޙައްމަދު ރަޝިދު، ރިޟްވާން ވަހީދު، ހަސަން އަދުހަމް އަދި ހިޝާމް ސަލީމް އެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމް އިން 10 ކުޅުންތެރިންނަށް ދޭ ފައިސާއަކީ ނިއުގެ ދަރަނީގެ 10 ޕަސަންޓްއަށްވާ ފައިސާ ކަމަށެވެ. އެކުލަބުގެ ދަރަންޏަކީ އެއްމެ މީހަކަށް ހަމަޖެއްސޭނެ ވަރުގެ އަދަދެއް ކަމަށް ގަބޫލު ނުކުރައްވާ ބައްސާމް ވިދާޅުވިއެވެ.

ކުލަބުގެ ހާލަތާއި ގުޅޭގޮތުން ނިއުގެ ބާނީ ކްއީން ވަހީދުވެސް ބައްދަލު ކުރެއްވި ކަމަށާއި އެ މަޝްވަރާތަކުގައި ވެސް އެފްއޭއެމްއަށް ކޮށްދެވޭނެ ހުރިހާކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެފްއޭއެމްގެ ފަރާތުން ދެއްވާފައި ވާނެކަމަށް ބައްސާމް ވިދާޅުވިއެވެ.

1979 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ތާރީހީ ކުލަބު ނިއުރޭޑިއަންޓް މުސާރައިގެ މައްސަލަތަކާއެކު އެފްއޭއެމް އިން ނިއު ސަސްޕެންޑްކޮށްފައި ވަނީ ޖެނުއަރީ 26 ވަނަ ދުވަހު އެވެ.

އެފްއޭއެމް އިން ނިއު ސަސްޕެންޑް ކުރުމަށްފަހު ބުނެފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން 10 ކުޅުންތެރިންނަށް ދޭންޖެހޭ ޖުމްލަ 3.8 މިލިއަން ދިވެހި ރުފިޔާއަށްވާ މުސާރައާއި އުޖޫރަ، ނިއުއިން ދައްކާފައި ނުވާތީއާއި އެކަމާއި ގުޅިގެން އެކިފަހަރު މަތިން އެފްއޭއެމްގެ ޕްލެޔަރ ސްޓޭޓަސް ކޮމެޓީއަށް ހާޒިރުކުރެވި، މައްސަލަ ހުށައެޅިފައިވާ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް އެތައް މުހުލުތުތަކަކާއި ފުރުސަތެއް ދެވުނުނަމަވެސް އެކަންކަން ކޮށްފައި ނުވާކަމަށެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު އަދި އެންމެ ސަޕޯޓަރުން ގިނަ ކުލަބުގެ ގޮތުގައި އޮތް ނިއުއަކީ ފުޓްބޯޅަ އިން އެންމެ ގިނަ ކާމިޔާބު ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ހޯދާފައިވާ ޓީމެވެ.

އެޓީމު ވަނީ ގައުމީ މުބާރާތުގެ ފައިނަލްގައި 22 ފަހަރު ކުޅެ، 12 ފަހަރު ކާމިޔާބު ކޮށްފައެވެ. އެޓީމު ވަނީ ލީގް ޗެމްޕިއަންކަން އެންމެ ގިނައިން ހޯދި ޓީމުގެ ޝަރަފް ވެސް ހޯދާފައެވެ. ހަފަހަރު ނިއުއިން ލީގް ހޯދާފައިވާއިރު ބޮޑެތި އެހެން މުބާރާތްތައް އެޓީމު ވަނީ އެތައް ފަހަރަކު ހޯދާފައެވެ.