އިންޑިއާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރް ނައިކް މެލޭޝިޔާ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.

ޑރ. ޒާކިރް ނައިކް މެލޭޝިޔާ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންނެވީ، މެލޭޝިޔާގެ ބައިމަދު ނަސްލުތަކަށް ނިސްބަތް ކުރައްވައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ.

މިމަހުގެ ކުރީކޮޅު ޑރ. ޒާކިރް ނައިކް ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވެފައިވަނީ، އިންޑިއާގެ ބައިމަދު މުސްލިމުންނަށްވުރެ މެލޭޝިޔާގައި އުޅޭ ހިންދޫންނަށް ސަތޭކަގުނަ އިތުރަށް ހައްގުތައް ކަށަވަރު ކަމަށެވެ. ހަމަ އެއާއެކު، މެލޭޝިޔާގެ ޗައިނާ ދަރިކޮޅުގެ މީހުންނަކީ މެލޭޝިޔާގެ މެހްމާނުން ކަމަށެވެ.

ނަސްލުތަކާއި، ދީންތަކުގެ މައްސަލައަކީ މެލޭޝިޔާގައި ވަރަށް ނާޒުކު މައްސަލައެއް ކަމުން، ޑރ. ޒާކިރް ނައިކްގެ މި ވާހަކަފުޅުތައް ހޫނުވެ، މެލޭޝިޔާ ފުލުހުން މިހާރުވަނީ މި މައްސަލަ ތަހްގީގު ކުރަން ފަށާފައެވެ.

އެގޮތުން، ފުލުހުން އިއްޔެގައިވަނީ ޑރ. ޒާކިރް ނައިކް ހާޟިރުކޮށް ދިހަ ގަޑިއިރުވަންދެން ސުވާލުކޮށްފައެވެ.

މަނީ ލޯންޑަރިންއާއި، ނަފްރަތު އުފެދޭ ވާހަކަފުޅުތައް ދައްކަވާތީ ކަމަށް ބުނެ އިންޑިއާއިން ދައުވާ އުފުލާފައިވާ ޑރ. ޒާކިރް ނައިކް މެލޭޝިޔާގައި ދިރިއުޅުއްވާތާ ތިންއަހަރު ވެއްޖެއެވެ. އޭނާއަށް މެލޭޝިޔާއިންވަނީ ދާއިމީ ވަޒަންވެރިކަން ދީފައެވެ. ރަށްވެހިކަމެއް ނުދެއެވެ.

މެލޭޝިޔާގެ އަބާދީގައި 32 މިލިއަން މީހުން ހިމެނޭއިރު، އޭގެތެރެއިން 60 އިންސައްތައަކީ މުސްލިމުންނެވެ. ދެން ގިނައިން ހިމެނެނީ ޗައިނާ ނަސްލުގެ މީހުންނާއި އިންޑިއާ ނަސްލުގެ މީހުންނެވެ. އިންޑިއާ ނަސްލުގައި ގިނައިން އުޅެނީ ހިންދޫންނެވެ.

ޑރ. ޒާކިރް ނައިކްވަނީ، ހިންދޫންނާއި އަދި ޗައިނާ ނަސްލުގެ މީހުންނާ ގުޅޭގޮތުން އޭނާ ދެއްކެވި ވާހަކަފުޅަށް މައާފަށް އެދިވަޑައިގެންފައެވެ. ނަމަވެސް ވިދާޅުވީ، އޭނާ ދެއްކެވި ވާހަކަފުޅުގެ މަފްހޫމް އޮޅުވާލައިގެން ބަޔަކު ވާހަކަ ފަތުރަނީ ކަމަށެވެ.

ޑރ. ޒާކިރް ނައިކް ވިދާޅުވީ، އޭނާއަކީ ރޭސިސްޓެއް ނޫން ކަމަށެވެ.

"ވަކި ފަރުދެއްގެ ނުވަތަ މުޖުތަމައެއް ނާއުންމީދު ކުރުމުގެ އެއްވެސް ނިޔަތެއް އަޅުގަނޑުގެނެތް. އެއީ، އިސްލާމްދީނުގެ އަސާސްތަކާވެސް ޚިލާފްކަމެއް. އަޅުގަނޑު ދެއްކި ވާހަކަތަކަށް އަރާފައިވާ އޮޅުމަށް ހިތުގެ އަޑިން މައާފަށް އެދެން" ފުލުހުންގެ މަރުކަޒަށް ހާޟިރުވެވަޑައި ގަތުމަށްފަހު ނެރުއްވި ބަޔާނެއްގައި ޑރ. ޒާކިރް ވިދާޅުވެފައި ވެއެވެ.

ބައިމަދު ނަސްލުތަކާ ގުޅޭގޮތުން ޑރ. ޒާކިރް ނައިކް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އޭނާ މެލޭޝިޔާއިން ބޭރުކޮށްލުމަށް، ސަރުކާރުގެ ބައެއް ވަޒީރުން ގޮވާލައްވާފައިވެސް ވެއެވެ.

މެލޭޝިޔާގެ ހަތް ސްޓޭޓަކުން މިހާރުވަނީ، އެ ސްޓޭޓްތަކުގައި އާންމު ދަރުސް ދެއްވުން ޒާކިރަށް މަނާކޮށްފައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހަންމަދު އާދީއްތަދުވަހު ވިދާޅުވީ، އިސްލާމްދީނާ ގުޅޭ މައުލޫމާތު ފެތުރުއްވުމަށް ޑރ. ޒާކިރް ނައިކަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެހެންނަމަވެސް، މެލޭޝިޔާގެ ސިޔާސީ ކަންތައްތަކާ ބެހިވަޑައިނުގަތުމަށް ގޮވާލައްވާފައި ވެއެވެ.