ހުޅުމާލޭގެ ރުއްގަނޑު ސަރަހައްދުގައި ކުރިޔަށް ގެންދާ ނައިޓް މާކެޓުގައި ވިޔަފާރިކުރުން އެޗްޑީސީން ހުއްޓުވައިފިއެވެ.

އެނގިފައިވާ ގޮތުގައި އެޗްޑީސީން ނައިޓްމާކެޓުގެ ވިޔަފާރި ހުއްޓުވީ، ނައިޓްމާކެޓު ބޭއްވުމަށް ދީފައިވާ މުއްދަތު ހަމަވުމަށް ފަހުގައިވެސް ވިޔަފާރި ކުރަމުންދާތީއެވެ.

ހުޅުމާލޭ ފަތާ ޓްރެކާއި ދިމާއިން ރުއްގަނޑުގައި ނައިޓްމާކެޓު ބޭއްވުމަށް އެޗްޑީސީން ހުއްދަދީފައި ވަނީ ބީޓުބީ މޯލްޑިވުސްއަށެވެ. އަދި އެހުއްދަ އޮގަސްޓް 19 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައި ކަމުގައި އެޗްޑީސީން ވަނީ ވިޔަފާރިވެރިންނަށް އަންގާފައެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން އެޗްޑީސީގެ ފަރާތުން އެތަނަށް ނުވަދެވޭނެހެން ޓޭޕް ދަމައި، ވިޔަފާރި ހުއްޓާލުމަށް އަންގާފައިވާ ކަމުގައި އެ ނައިޓްމާކެޓުގައި ވިޔަފާރިކުރާ ވިޔަފާރިވެރިއަކު މައުލޫމާތު ދީފައިވެއެވެ.

އޭނާ ބުނީ ނައިޓްމާކެޓު އިންތިޒާމްކުރި ބީޓުބީ މޯލްޑިވުސްގެ ފަރާތުން ވިޔަފާރިވެރިންނަށް އަންގާފައި ވަނީ މާދަމާރޭގެ 12 ޖެހުމާއި ހަމައަށް ވިޔަފާރި ކުރިއަށް ގެންދެވޭނެ ކަމަށް ކަމުގައެވެ.

އެހެން ނަމަވެސް ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވާ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައި ވާއިރު، ވިޔަފާރިކުރުން ހުއްޓާލައި މާދަމާރޭގެ މެންދަމު 12 ގެ ކުރިން ތަން ހުސްކުރުމަށް އެޗްޑީސީން ވަނީ އަންގާފައި ކަމުގައިވެސް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭ ގޮތުން ނައިޓްމާކެޓު އިންތިޒާމްކުރި ބީޓުބީ މޯލްޑިވުސްގެ ބަހެއް ނުލިބެއެވެ.