ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރެއްގެ ކޮއްތަށް ދުވާލަކަށް 159.87 ރުފިޔާ ޚަރަދުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ ކޮއްތަށް ދުވާލަކަށް ޚަރަދުވާ ވަރު އޮޅުންފިލުވުމަށް އާންމުންގެ މީހަކު އެމަނިކުފާނަށް ފޮނުވި ސިޓީއަކާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަަކަފުޅުގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ބާއްވާ ކޮންމެ ދުވަހަކަށް ކޮންމެ މެންބަރަކަށް ދުވާލަކަށް 159.87 ރުފިޔާ ކޮއްތަށް ޚަރަދުވާ ކަމަށެވެ. ނަމަވެސް މިއަދަދުގެ ތެރެއިން ކޮންމެވެސް މިންވަރެއް މުވައްޒަފުންނަށްވެސް ހޭދަވާނެތީވެ މެންބަރެއްގެ ކޮއްތަށް ދުވާލަކަށް ކުރާ ޚަރަދު ކުޑަތަންކޮޅެއް ކުޑަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި އަދަދުތަކަށް ބަލާނަމަ މަޖިލީހުގެ ޖަލްސާއެއް އޮންނަ ކޮންމެ ދުވަހަކު މެންބަރުންގެ ކޮއްތަށް 14،000 ރުފިޔާ ޚަރަދުވާނެ އެވެ. އަދި ހަފްތާއަކު ތިން ޖަލްސާ ބާއްވާނަމަ މެންބަރުންގެ ކޮއްތަށް 41،000 ރުފިޔާ ޚަރަދުވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކޮއްތަށް ބޮޑު ޚަރަދެއް ހިނގާތީ އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެއީ ކުރަންނުޖެހޭ ޚަރަދެއް ކަމަށް މެންބަރުންނަށާއި ރައްޔިތުންނަށް ފެންނަ ނަމަ އެއީ ބަދަލުތަކެއް ގެނެވިދާނެ ކަމެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތަރީޚަށް ބައްލަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ފެށިގެން އައިސްފައިވަނީ ވެސް ހުރިހާ ބޮޑުން އެކުގައި ސައި ބުއި ހިސާބުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެންނަން ބޭނުންވާ ހިޔާލުތައް ހުށަހެޅުމަށް އާންމުންނަށް ހުޅުވާލުމުން ބައެއް އާންމުން ފޮނުވި ހިޔާލުތަކުގެ ތެރޭގައި މެންބަރުންނަށް ކޮއްތު ދިނުން ހުއްޓާނުލަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް މަޖިލީހުގެ ގަވައިދު ކޮމިޓީން ގަވައިދު އިސްލާހުކުރިއިރު މެންބަރުންގެ ކޮއްތު ކަނޑާލުމަށް ގަވައިދަށް އިސްލާހު ގެނެސްފައެއް ނުވެ އެެވެ.