މިއަހަރުގެ މިހާތަނަށް މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޖުލައި މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެ އެވެ.

މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 994،733 ފަތުރުވެރިންނެވެ. މިއީ ނިމިދިޔަ އަހަރާއި އަޅާބަލާއިރު 17.2 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރުގެ ޖުލައި މަހު ރާއްޖެ އަށް 132،144 ޓޫރިސްޓުން ޒިޔާރާތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު 8 އިންސައްތައިގެ ކުރި އެރުމެކެވެ.

މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ގައުމަކީ ޗައިނާ އެވެ. އެގައުމުން ރާއްޖެއަށް 172834 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެ އެވެ. މާކެޓުގައި ދެވަނައަށް އިންޑިއާ އޮތްއިރު އެ ގައުމުން 93،175 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެ އެވެ.

އެކި ބައްރުތަކަށް ބަލާއިރު ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ ޔޫރަޕުންނެވެ. ޔޫރަޕުން 487،165 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. ދެވަނަ އަށް އޭޝިއާ ޕެސިފިކް ސަރަހައްދުން 413،066 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު އެމެރިކާއިން ރާއްޖެއަށް 49821 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެ އެވެ.

މިދިޔަ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް 49،095 އެނދު ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އަދި ޖުލައި މަހުގެ ނިޔަލަށް 45،983 އެނދު އޮޕަރޭޓް ކޮށްފައިވެ އެވެ.

މި މުއްދަތުގައި ފަތުރުވެރިން އެނދު ބޭނުން ކުރާ ނިސްބަތް އުޅެނީ 64 އިންސައްތައިގަ އެވެ، އަދި އެވްރެޖްކޮށް ރާއްޖޭގައި މިހާރު ޓޫރިސްޓުން 6.3 ދުވަސް ހޭދަކުރެ އެވެ.