ސަރުކާރުގެ ފަރާތުން ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވީނިއުސް އަށް ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި ބަޖެޓް ތަފްސީލްތައް ފިނޭންސް މިނިސްޓަރު މަޖިލީހުގައި ހިއްސާކުރައްވާނެ ކަމަށެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި މިވަނީ ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ޚަރަދުތައް ބޮޑުވެ ޚަރަދުތައް ދެކޮޅު ޖައްސާނެ ގޮތެއް ހޯދުމަށް ކަމަށް ބުނެ އިދިކޮޅު ބައެއް ޕާޓީތަކުން ވަނީ ސަރުކާރަށް ފާޑުކިޔާފަ އެވެ. ނަމަވެސް ސަރުކާރުން ބުނީ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅީ ބޭރު ގައުމުތަކުން ލިބުނު އެހީތަކާ އެކު ބަޖެޓު މެނޭޖުކޮށް ބައެއް މަޝްރޫއުތައް ފެށުމަށް ކަމަށެވެ.

ވީނިއުސް އަށް މީގެކުރިން ދެއްވި އިންޓަވިއުއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ސަރުކާރުން މިހާރު ތަންފީޒު ކުރަމުންދާ ބަޖެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބަޖެޓެއް ކަމަށްވާތީ މި ސަރުކާރުގެ ބައެއް ކަންކަން ތަންފީޒުކުރަން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިންވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް ބުނެފައިވެ އެވެ. އެގޮތުން ވެރިކަމާ ހަވާލުވާތާ ހަމަސް ދުވަހުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ކުރިން ވިދާޅުވެފައިވެ އެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓަކީ ހަތަރު ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.