ރާއްޖޭގެ ވަރަށް ގިނަ ރަޔިތުންގެ މަސްލަހަތު ހުރި ގިނަ މައްސަލަތަކެއް ޕީޕީއެމްގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި ނަމަވެސް މައްސަލަތަކުގައި ގޮތެއް ނުނިމި ލަސްވާތީ ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕީޕީއެމުން މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެޕާޓީގެ ފަރާތުން އޭސީސީއަށް ހުށަހެޅި މައްސަލަތަކުގެ ޖަވާބެއް ހޯދުމަށް މިއަދު އެކޮމިޝަނަށް ދިއުމުން ޖަވާބެއް ދީފައި ނުވާތީ އޭސީސީ ހިންގަމުން ގެންދާ ހުރަވީ ބިލްޑިންގެ ބޭރުގައި ތިބެގެންނެވެ.

ހުރަވީ ބިލްޑިންގެ ބޭރުގައި ޝުއޫރުފާޅުކުރި ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އެެހެން ބައެއް އިސް ބޭފުޅުންނާ ގުޅުންހުރި ގިނަ މައްސަލަތަކެއް ބަލައި ތަހުގީގުކޮށްދިނުމަށް އޭސީސީއަށް ހުށަހެޅި ނަމަވެސް ކޮމިޝަނުން ޖަވާބެއް ނުދިން ކަމަށާއި ކޮމިޝަންގައި މިއަދު އިންނެވީ ވެސް ކޮމިޝަންގެ ނައިބު ރައީސް އެކަނި ކަމަށެވެ. އެކަމަކު އޭސީސީގެ ނައިބް ރައީސްއާ ވެސް ބައްދަލުވެފައި ނުވާ ކަމަށާއި އެހެންކަމުން ހުށަހެޅި މައްސަލަތަކަށްވީ ގޮތެއް އެނގިފައި ނުވާ ކަމަށްވެސް ބުންޏެވެ.

ޕީޕީއެމްގެ އެކްޓިވިސްޓުން ބުނީ އެމީހުން މިއަދު އޭސީސީއަށް ދިޔައީ އެތަނުގެ ބޭރުގައި މުޒާހަރާ ކުރުމުގެ ނިޔަތެއްގައި ނޫން ކަމަށާއި ބޭނުންވީ ކަންބޮޑުވުންތަކެއް ހުރުމުން އެކަންކަން ހިއްސާކުރުމަށް ކަމަށެވެ. އޭސީސީގެ ރައީސް މުއައްވިޒް ރަޝީދުގެ މައްސަލަތަކެއް ވެސް ކޮމިޝަންގެ ތެރޭގައި ހުރިއިރު އެމައްސަލަތައްވެސް ނުބެލުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށްވެސް އެމީހުން ބުނެފައިވެ އެވެ.

ޕީޕީއެމުން އޭސީސީއަށް ހުށަހެޅި މައްސަލަ ތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އެކައުންޓަކަށް 4.2 މިލިއަން ޔޫރޯ ޖަމާވި މައްސަލައެއްގެ އިތުރުން ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ގެންގުޅުނު މައްސަވެސް ހިމެނެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނުހައްގު ފައިސާ ތަކެއް ލިބިފައިވާ ކަމަށް ބުނާ ވާހަކަތައް ރައީސް އޮފީހުން ވަނީ ދޮގުކޮށްފަ އެވެ.

ނިމިދިޔަ ސަރުކާރަށް އަމާޒުވި ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާ ގުޅިގެން ހިޔާނާތަށް މަގުފަހިވާ ދޮރުތައް ބަންދުކޮށް މިސަރުކާރުން ގެންގުޅޭނީ "ޒީރޯ ޓޮލަރެންސް" ސިޔާސަތު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. މި ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުވަތަ ކުންފުންޏަކުން ނަމަވެސް ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ އެކަމެއް ބަލައި ފިޔަވަޅު އަޅާނެ ކަމަށްވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ސަރުކާރުގައި ހިންގި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މިސަރުކާރުން ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވާފަ އެވެ.