2020 ވަނަ އަހަރަށް އެކުލަވާލާ ދައުލަތުގެ ބަޖެޓުން ސަރުކާރަށް ލިބޭ އާމްދަނީގެ ފަސް އިންސައްތަ ހާއްސަކުރަނީ ކައުންސިލްތަކަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމާ ބެހޭ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބާއްވާ ދެވަނަ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މިއަދު ދެއްކެވި ވާހަކަފުޅުގަ އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުން ސަރުކާރަށް ލިބޭ އާމްދަނީގެ ފަސް އިންސައްތަ ކައުންސިލްތަކަށް ހާއްސަކުރާނެ ކަމަށާއި، ބިންތައް ކުއްޔަށް ދީގެން ދައުލަތަށް ލިބޭ އާމްދަނީ ބަހާލާނީ ކައުންސިލްތަކުގެ މެދުގައި ކަމަށެވެ. މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ވަރަށް ގިނަ ކައުންސިލްތަކަކާ ބައްދަލުކުރެވިފައިވާ ކަން ފާހަގަކުރައްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިފަދަ ބައްދަލުވުންތަކުގައި އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ކައުންސިލްތައް ހިންގުމަށްޓަކައި ބޭނުންވާ ވަޒީފާތައް ހިންގުމުގެ އޮނިގަނޑުގައި ނުހުން މައްސަލަ ކަމަށެވެ. މީގެއިތުރުން ކައުންސިލްތައް ހިންގުމަށްޓަކައި ލިބެންޖެހޭ މާލީ ބާރުވެރިކަންވެސް ކައުންސިލްތަކަށް ލިބިފައި ނެތް ކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑު އޭރުވެސް ފާހަގަކުރަމުން ދިޔައިން އަޅުގަނޑުމެންނަށް އެއް ބަޖެޓަކުން، އެއް އަހަރަކުން އެ މަސައްކަތެއް ނުކުރެވޭނެއޭ. އަޅުގަނޑުމެން ދަންނަން ޖެހޭނެ، އަޅުގަނޑުމެން އަދި ފިސްކަލް ޑިސެންޓްރަލައިޒޭޝަން ގެންނަން ބޭނުންވިޔަސް އަޅުގަނޑުމެންނަށް އެކަންތައްތައް ކުރެވޭނީ އަޅުގަނޑުމެންގެ ގައުމުގައި ހުރި ރިސޯސަސްއަށް ޖާގަދޭ މިންވަރަކުން،" މިނިސްޓަރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ކައުންސިލަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ފިނޭންސް މިނިސްޓްރީ ތެރޭގައި ލޯކަލް ކައުންސިލް ކޯޑިނޭޝަން ޔުނިޓްގެ ނަމުގައި ހާއްސަ ޔުނިޓެއްވެސް ޤާއިމްކޮށްފައިވާނެ ކަމަށެވެ. މި ޔުނިޓުގެ ތެރެއިން ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ އިތުރުން ސިޓީ ކައުންސިލްތަކާ ވެސް ގާތް ގުޅުމެއް އުފެއްދިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ޔުނިޓުގެ ސަބަބުން ކައުންސިލްތަކުގެ ހާލަތު ގާތުން ބަލައި، އެމީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ފަސޭހަތަކެއް ވެގެންދިޔަ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ސިޔާސީގޮތުންނާއި މާލީގޮތުން ވެސް ގައުމު ލާމަރުކަޒީ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމުގައިވެސް އަމީރު ވިދާޅުވި އެވެ. ލާމަރުކަޒީ ނިޒާމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ޓޫރިޒަމް މާސްޓާ ޕްލޭނާއި ނެޝަނަލް ޑިވެލޮޕްމެންޓް ޕްލޭނެއް އަލުން އެކުލަވާލާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

ކުރުނބާ މޯލްޑިވްސްގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމާ ބެހޭ މަހާސިންތާގައި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުން ވަނީ ބައިވެރިވެފަ އެވެ.

މި މަހާސިންތާގެ ބޭނުމަކީ ރާއްޖޭގައި އޮތް ލާމަރުކަޒީ ނިޒާމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދުމާއި، ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން އެކި ކައުންސިލްތަކާ އެކު މިމަހާސިންތާގައި މަޝްވަރާކުރުން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެ އެވެ.

މި މަހާސިންތާ ފެއްޓުމުގެ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ލާމަރުކަޒީ ނިޒާމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ "ޑީސެންޓްރަލައިލޭޒޭން ރިވިއު"ގެ ނަމުގައި ފޮތެއް ނެރެފަ އެވެ. މި ފޮތް ނެރެދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝިއުނާ އެވެ.