ތ. ވިލުފުށީގައި ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ޓާފް ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާ އާއި އެމްޓީސީސީއާ ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ކުޅިވަރާ ބެހޭ ވުޒާރާގައި އޮތް މި ބައްދަލުވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަހުމަދު މަހުލޫފް އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ. އަދި މި ބައްދަލުވުމުގައި ވިލުފުށީ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން އަފީފުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވިލުފުށީ ޓާފް ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ ވިލުފުށީގައި އަޅާ ޓާފް ދަނޑު ވެގެންދާނީ ފެންވަރު ރަނގަޅު ދަނޑަކަށް ކަމަށެވެ. އެގޮތުން މަސައްކަތް ލަސްވި ނަމަވެސް، އެ ވުޒާރާއިން މަސައްކަތްކުރަނީ ކުރާ މަސައްކަތެއް އެންމެ ރަނގަޅު ފެންވަރުގައި ކުރުމަށް ކަމަށާއި، ބިން އެއްވަރުކޮށް ނިމުނުން، ޓާފް ދަނޑުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، ކަނޑައެޅިފައިވާ މުއްދަތަށްވުރެ މާއަވަހަށް މަސައްކަތް ނިންމާނެ ކަމަށެވެ.

ވިލުފުށީ ޓާފް ދަނޑުގެ އަމަލީ މަސައްކަތް ފެށިގެންދާއިރު، މީގެ ކުރިން އެރަށަށް ޓާފް ވަނީ ގެންގޮސްފައެވެ. މި ސަރުކާރުން ގިނަ ރައްތަކެއްގައި ޓާފް ދަނޑުދައް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާއިރު، މީގެ ކުރިން ވަނީ މި އަހަރުގެ ތެރޭގައި 27 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ދަނޑުތަކެއް އެޅާނެ ކަމަށް ބުނެފައެވެ. ސަރުކާރުން ދަނޑުތައް އެޅުމަކީ، ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން އެފްއޭއެމުން ރާވާފައިވާ ރޭވުމަށް ލިބުނު ކުރިއެރުމެކެވެ.