ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރަކަށް ވެވޭ އުމުރު 30 އަހަރަށް ހަަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިއިސްލާހު ފާސްކުރީ 62 މެމްބަރުންގެ ތާއީދާ އެކު އެވެ.

ޖޭއެސްސީގެ މެމްބަރަކަށް ވެވޭ އުމުރު 30 އަހަރަށް ހަަމަޖެއްސުމަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރި ނަމަވެސް އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު މިއިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ޖޭއެސްސީގެ މެމްބަރަކަށް ވެވޭ އުމުރު 40 އަހަރުން މައްޗަށް ހަމަޖެއްސުމަށެވެ. ނަމަވެސް ޖޭއެސްސީގެ މެމްބަރަކަށް ވެވޭ އުމުރު 30 އަހަރަށް ހަމަޖެއްސުމަށް ފާސްކުރީ މިބިލް ދިރާސާކުރި ޖުޑިޝަރީ ކޮމިޓީން އެގޮތަށް ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވުމުންނެވެ.

ޖޭއެސްސީގެ މެންބަރުންނަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ހުށަހެޅި ނަަމަވެސް މިއަދު މިއިސްލާހު ފާސްކުރީ ޖޭއެސްސީގެ މެންބަރުންގެ ތެރެއިން ބަންޑާރަނައިބަށް ކޯޓުތަކުގައި ވަކާލާތު ކުރެވޭ ގޮތަށް މިއިސްލާހު ބަދަލުކުރުމަށްފަހު އެވެ.

މަޖިލީހުގެ ތަޅުމުން މިއަދު ވަނީ ޝަރުއީ ދާއިރާގެ މުހިއްމު ދެ މަގާމު ކަމުގައިވާ ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހްމަދު މާޖިދާއި، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެޑްމިނިސްޓްރޭޓަ ޑރ. އަހްމަދު ނަޒީރުގެ މަގާމު ގެއްލޭ ގޮތަށް ޖޭއެސްސީގެ ގާނޫނަށް ހުށަހެޅު އިސްލާހުވެސް ފާސްކޮށްފަ އެވެ. މި އިސްލާހު ފާސްކުރުމާ ގުޅިގެން ޖުޑިޝަލް އެކަޑަމީގެ މުވައްޒިފުންނާއި ހުރިހާ ވަސީލަތްތަކާއި އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް ޑީޖޭއޭ އަށް ބަދަލުވެގެންދާނެ އެވެ.