ސްކޫލު ކުދިންނަށް ޚާއްސަކޮށްގެން ހިންގާ ޓްރެފިކް މޮނީޓަރުންގެ ޕްރޮގްރާމް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފި އެވެ.

މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ އެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް. މި ޕްރޮގަރާމް ފަށާފައި ވަނީ 2014 ވަނަ އަހަރު އެވެ. މި ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށްގެންގޮސްފައިވަނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުންނެވެ.

މި ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ މި ޕްރޮގްރާމަކީ ދަރިވަރުން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ދަރިވަރުންގެ ރައްކާތެރިކަން ސްކޫލުގަޔާއި ސްކޫލުން ބޭރުގައި ކަށަވަރު ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުންނާއި ކަމާ ގުޅުންހުރި އެހެން މުއައްސަސާތަކުން ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.