ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންދަރިންގެ ދައުވާގައި އެމަނިކުފާނާއި ދެކޮޅަށް ހެކިބަސް ދިނުމާއި ދެކޮޅު ކަމަށް ވިދާޅުވެ، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ރައީސް ހަސަން ލުތުފީ ކުރެއްވި ފޭސްބުކް ޕޯސްޓު ޑިލީޓު ކުރައްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މި ދައުވާގައި އެމަނިކުފާނާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި މިހާރުގެ ރައީސް މުއައްވިޒު ރަޝީދު ރަޝީދު ހިމެނިވަޑައިގަންނަވައެވެ. މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މުއައްވިޒުގެ ހެކިބަސް ވަނީ ނަގާފައެވެ.

ބުރާސްފަތި ދުވަހަށް ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކޮށްފައި ވަނިކޮށް ރާއްޖެއިން ބޭރުގައި ހުންނަވައި ލުތުފީ ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދިނުމަށް ދެކޮޅު ހަައްދަވާފައެވެ. ލުތުފީގެ ޕޯސްޓުގައި ވަނީ މުއައްވިޒު ދެއްވި ހެކިބަސްވެސް ދޮގު ކުރައްވާފައެވެ. މުއައްވިޒު ދެއްވި ހެކިބަހުގައި އެމަނިކުފާނު ވަނީ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ރައީސް ޔާމީނާ ރައީސް އޮފީހުގައި ބައްދަލު ކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. އެ ބައްދަލުވުގައި ހަސަން ލުތުފީ ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށާއި މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީންގެ ބަޔާނެއް ވެސް ނެންގެވި ކަމަށް މުއައްވިޒު ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ލުތުފީ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެސްއޯއެފުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދާ އެކުވެސް އަދި ވަކިންވެސް ރައީސް ޔާމީނާ ބައްދަލު ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަމަށް ބެލެވޭތީ ކަމަށްބުނެ އެ ފައިސާ ދައުލަތަށް ދެއްކުމަށްވެސް ފޯނުންވެސް އަދި އެ ނޫން ގޮތަކަށްވެސް އަންގާފައި ނުވާނެ ކަމަށްވެސް ލުތުފީ ޑިލީޓް ކުރެއްވި އެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ. އަދި އެގޮތަށް އަންގާފައި ނުވަނީ އެ ފައިސާ އަކި ދައުލަތުގެ ފައިސާތޯ ނުވަތަ ނޫންތޯ އޭރު ޔަގީން ނުވާތީ ކަމަށް ލުތުފީ ވަނީ ވިދާޅުވެފައެވެ.

މި ހުރިހާ ކަމެއްވެސް މިހެން އޮތް އިރު ރައީސް ޔާމީން ގެ މައްޗަށް ބަޔާންދީ ދޮގު ހެކި ބަސް ދިނުމަށް މި ސަރުކާރުގެ ބާރުވެރި ފަރާތްތަކުން އޭނާއަށް ބިރު ދައްކައި އިންޒާރުދޭ ކަމަށްވެސް ލުތުފީ ވަނީ ވިދާޅުވެފައެވެ. އަދި އެގޮތަށް އަމަލު ނުކޮށްފިނަމަ ފުރާނައަށް ނުރައްކާވާނެ ކަމުގެ އިންޒަާރުވެސް ދީފައިވާ ކަމަށާއި މާލެ މަގުމަތިން ހަމަލާވެސް ދީފައިވާ ކަމަށް ލުތުފީ ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ އައިސްފި ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ގަބޫލު ކުރެވޭތީ އާއި ކިތަންމެ މަޖުބޫރެއް ކުރިޔަސް އެއްވެސް ފަރާތަކާ ދެކޮޅަށް ކޯޓުގައި ދޮގު ހެކި ބަސް ދޭން ބޭނުންފުޅު ނުވާތީ ހެކި ބަސް އަދާ ކުރަން ތަނާޒުލްވާ ކަމަށްވެސް ލުތުފީގެ ޕޯސްޓުގައި އެމަނިކުފާނު ވަނި ވިދާޅުވެފައެވެ.