ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި މާދަމާ ބާއްވާ އަޑުއެހުމުގައި ކުރީގެ ނާއިބުރައީސް އަހުމަދު އަދީބުގެ ހެކިބަސް ނެގުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގައި މާދަމާ 3 ވަނަ އަޑުއެހުން ތާވަލުކޮށްފައިވާއިރު މާދަމާގެ ޝަރީއަތްވެސް ޓީވީތަކުން ވަގުތުން ދެއްކުމަށް ވަނީ ހަމަޖައްސާފައެވެ.

މާދަމާގެ ޝަރީއަތުގައި އެންމެ ފުރަތަމަ އޮތީ އޭސީސީގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަސް ނެގުން ކަމަށްވާއިރު މި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުމުގައިވެސް މުއައްވިޒުގެ ހެކިބަސް ވަނީ ނަގާފައެވެ. މާދަމާގެ އަޑުއެހުމުގައި އެނާއާއި ސުވާލުކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ރިޕޯޓުތަކާއި ގުޅޭގޮތުންނެވެ.

މުއައްވިޒުގެ ހެކިބަސް ނެގުމަށްފަހު ދެން ކުރީގެ ނާއިބުރައީސް އަހުމަދު އަދީބުގެ ހެކިބަސް ނެގުމަށް ހަމަޖައްސާފައިވާއިރު މާދާމާ ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަދީބަށް އަންގާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދީބު މިވަގުތު ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މާދަމާ އަދީބުގެ ހެކިބަސް ނެގުމަށް ހަމަޖައްސާފައިވާއިރު އޭނާގެ ހެކިބަސް ނުނެގުމަށް ރައީސް ޔާމީން ވަނީ މީގެ ކުރިން އެދިވަޑައިގެންފައެވެ. އެއީ އަދީބުގެ ހިތުގައި ރައީސް ޔާމީންއާ ދެމެދު އަދާވަތްތެރިކަން އޮންނާނެތީއާއި ބޮޑެތި ކުށްތަކެއްގެ ތުހުމަތުވާ ބޭފުޅަކަށް ވާތީ ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ އެފަދަ އަދާވަތްތެރިކަމެއް އޮންނާނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވެ ހެކިބަސް ނެގުމަށް ނިންމަވާފައެވެ. އަދީބުގެ ވަކީލުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ ކުރީ ސަރުކާރުގެ އިސް ބޭފުޅުންނާ ދެކޮޅަށް ބަޔާން ދިނުމަށް އަދީބަށް ބިރު ދައްކަމުންދާ ކަމަށް ބުނެފައެވެ.