ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 22 ކުއްޖަކަށް އަނިޔާކުރި މައްސަލަތަކެއް ނުބަލަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނިންމިކަމަށް ްއެންޓި-ޓޯޗަރ ރިޕޯޓުގައި ބުނެފައިވާތީ އެ މައްސަލައިގައި އެ ކޮމިޝަން މެންބަރުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

އެޗްއާރްސީއެމުން އެކުލަވާލި 2018 ވަނަ އަހަރުގެ އެންޓި-ޓޯޗަރ ރިޕޯޓްގައި ނުބަލަން ނިންމާފައިވާ މައްސަލަތުގެ ތެރޭގައި ހިމެނެނީ، ކުޑަކުދިންގެ ހިޔާ (ފިޔަވަތި) އަދި ގދ. ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގައި ތިބި 22 ކުއްޖަކަށް އަނިޔާކުރި މައްސަލައެކެވެ. އަދި އަނިޔާކުރުމުގެ ތެރޭގައި އެކުދިން ބަރަހަނާ ކުރި މައްސަލައެއް 8 މީހެއްގެ މައްޗަށް ހުށަހެޅުނު އިރު އެ މަައްސަލަތައް ނުބަލަން އެ ކޮމިޝަނުން ނިންމި މައްސަލައިގައި ކޮމިޓީއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.

އެޗްއާރުސީއެމްގެ ރިޕޯޓްގައި ވަނީ ބަންދުކޮށްފައި ހުރި މަރުކަޒުގައި އަނިޔާކުރި ކަމަށްބުނެ ހުށަހަޅާފައިވާ 19 މައްސަލަ އަކާއި، ދައުލަތުގެ ބެލުމުގެދަށުގައި ތިބޭ ތަންތަނުގައި އަނިޔާކުރި ކަމަށްބުނެ ކުޑަކުދިންގެ ހިޔާއިން ހުށަހެޅުނު 1 މައްސަލައާއި، އެޗް.ޕީ.އެސް.އެން ގައި ބައިތިއްބާފަ ތިބި 2 ކުއްޖަކަށް އަނިޔާކުރި މައްސަލަތަކެއްކަމަށެވެ.

އެޗްއާރުސީއެމުން އެކުލަވާލި އެންޓި-ޓޯޗަރ ރިޕޯޓްގައި ބުނެފައި ވަނީ، އެ މައްސަލަތަކުގައި އެ ދެ މަރުކަޒުގައި މަސައްކަތްކުރާ 10 މުވައްޒަކަށް އިދާރީ ފިޔަވަޅުއަޅާފައިވާ ކަމާއި، އެފަރާތްތަކާއި ގުޅޭ މައުލޫމާތު އެ ކޮމިޝަނަށް ހިއްސާކޮށްފައިވީނަމަވެސް އެފަރާތްތައް ހިންގި ޓޯޗާގެ އަމަ؛ު އެ ކޮމިޝަނުން ކޮށްފައި ނުވާކަމަށް ވަނީ ބުނެފައެވެ.

އަދި ސަބަބެއް ކަމަށް ބުނެފައި ވަނީ އެ މައްސަލަ އެ ކޮމިޝަންގެ ސަމާލުކަމަށް އައީ 2018 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ކަމުން، އޭގެން ބައެއް ހާދިސާތަކަކީ ހިނގިތާ 1 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް ކަމުން ހެއްކާއި ގަރީނާ ހޯދަން އުނދަގޫވުމުން ކަމަށެވެ.

އެ މައްސލައިގައި މިއަދު މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީއަށް އެޗްއާރްސީއެމް މެންބަރުން ހާޒިރުކޮށް، އެ މައްސަލަތައް ނުބަލަން ނިންމީ ކީއްވެތޯ ސުވާލުކުރުމުން އެޗްއާރުސީއެމްގެ މެންބަރު އައިޝަތު އަފްރީން ވިދާޅުވީ، އެ މައްސަލަތައް ބެލުމަށް ކޮމިޝަނުން މަސައްކަތްކުރެއްވި ކަމަށެވެ.

އެގޮތުން އެ މައްސަލަ ކުޑަކުދިންގެ ހައްޤުތަކާބެހޭ ޤާނޫނުގެ ދަށުން ބަލަމުން ދަނިކޮށް އޭގައި އެންޓި ޓޯޗަރ ޤާނޫނަށް ފެތޭ ކަންކަން ހިމެނޭތީ އެ ޤާނޫނުގެ ދަށުން މައްސަލަ ބަލަމުންދިއަ ކަމަށާއި، އަދި ހެކި ހޯދުން ފަދަ ކަންކަމުގައި ގޮންޖެހުންތަކެއް ހުރުމުން މައްސަލައިގެ ވަކި ހިސާބަކުން ފުލުހުންނާއެކު "ޖޮއިންޓް" ތަހުޤީޤެއް ހިންގީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފާގެ މަތިން ކަމަށެވެ. އަދި އެ މައްސަަލައިގައި އަނިޔާގެ މައްސަލައެއް ހިމެނޭތީ އެކަން ފަހުން ބެލީ ފުލުހުން ކަމަށާއި ފުލުހުން އެމައްސަލަ ޕީޖީއަށް ފޮނުއްވި ކަމަށްވެސް މެންބަރު އައިޝާ ވިދާޅުވިއެވެ.