އޭޝިއަން ސެންޓަރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފިރެހެން އަދި އަންހެން މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ބިޑު ކުރާނެ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ދިވެހި ކުޅިވަރު ސަރަހައްދީ ބޮޑު ބާރަކަށް ހެދުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކުޅިވަރާއި ބެހޭ ވަޒީރު ބުދަ ދުވަހުގެ ރޭ ކުރެއްވި ޓްއީޓެއްގައި ވިދާޅުވީ ވޮލީބޯޅަ އެސޯސިއޭޝަންގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނޭޕާލްގައި ކުރިޔަށްދާ އޭޝިއަން ސެންޓަރަލް ޒޯން މީޓީންގައި ބައިވެރިވާނެ ކަމަށެވެ. އަދި މި މީޓިންގައި 2020 ވަނަ އަހަރު އޮންނަ ސެންޓަރަލް ޒޯން މެންސް އަދި ވިމެންސް ވޮލީބޯޅަ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ބިޑު ކުރާނެ ކަމަށް ވަޒީރުގެ ޓްއީޓުގައި ވަނީ ވިދާޅުވެފައެވެ.

މި މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިއްޖެ ނަމަ އެކަން ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ވޮލީބޯޅައިން ބާއްވާ އެންމެ ބޮޑު މުބާރާތެކެވެ.

ސަރުކާރުން ބޮޑެތި މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު 2023 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވުމަށް މިހާރު ވަނީ ފުރުސަތު ހޯދާފައެވެ. ބައިނަލް އަގުވާމީ މުބާރާތްތަކާއި ގޭމްސްތައް ރާއްޖޭގައި ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ސެންޓަރަލް ޒޯން މުބާރާތް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު 2017 ވަނަ އަހަރު ސެންޓަރަލް ޒޯން މެންސް މުބާރާތް ވަނީ ރާއްޖޭގައި ބާއްވާފައެވެ. އެފަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކޮށްފައި ވަނީ ތުރުކުމަނިސްތާނާއި ނޭޕާލްގެ އަދި ކިރިގިސްތާނެވެ.

ސެންޓަރަލް ޒޯން މުބާރާތުގެ ރަންމެޑަލް ރާއްޖެއަށް ހޯދުމަށް އަމަލީ ގޮތުން ވަޒީރު ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާއިރު މިހާރު ނޭޕާލްގައި ކުރިޔަށްދާ މުބާރާތުގައި ނޭޕާލް ބަލިކޮށް ރާއްޖެ ވަނީ ސެމީފައިނަލަށް ދަތުރުކޮށްފައެވެ. ބުރާސްފަތި ދުވަހު ހަވީރު ކުޅޭ ސެމީފައިނަލް މެޗުގައި ރާއްޖެ ބައްދަލު ކުރާނީ އުޒުބަކިސްރާނާއި ދެކޮޅަށެވެ.