ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަކުރީ ބިރުވެރިކަމެއް އޮވެގެން ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވަނީ އެއާޕޯޓަށް ދާ ބްރިޖް ސަރަހައްދުގައި މިރޭ ޚާއްސަ ޗެކް ޕޮއިންޓެއް ގާއިމުކޮށްފައެވެ. އަދި އެއާޕޯޓުގައި ހަރަކާތްތެރިވާ ސިފައިންގެ މިންވަރު ވެސް ވަނީ އިތުރުކޮށްފައެވެ. މިކަމާ ގުޅިގެން އެއާޕޯޓު ކުއްލި ހާލަތަށް ގެނެސްފައިވާ ކަމަށް ބުނެ ވަނީ އަޑުފެތުރުފައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ސެކިއުރިޓީ ވަރުގަދަކުރީ ސަލާމަތީ ބާރުތައް ގުޅިގެން ހެދި ސެކިއުރިޓީ އެސެސްމެންޓަކާ ގުޅިގެން ކަމަށެވެ. އަދި އެއީ އެކަހަލަ ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ކުރި ކަމެއް ކަމަށެވެ. މިއީ ވަކި ޚާއްސަ ނުރައްކަލެއް އޮވެގެން ކުރިއަށްގެންދިޔަ ހަރަކާތެއް ނޫން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނެފައިވަނީ މިކަމާ ގުޅިގެން އެއާޕޯޓުގެ އެއްވެސް އޮޕަރޭޝަނަކަށް ބުރުލެއް އަރާފައިނުވާ ކަމަށެވެ.