ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން ކުރީގެ ނާއިބުރައީސް އަހުމަދު އަދީބުގެ ހެކިބަސް ނެގުމަށް މިއަދަށް ތާވަލްކުރި ޝަރީއަތުގެ މަޖިލިސް ފަށައިިފި އެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާއާއި ގުޅިގެން މިއަދު ބާއްވާ ތިންވަނަ އަޑުއެހުން ވެސް ވީޓީވީއާއި ބައެއް އެހެން ޓީވީ ޗެނަލްތަކުން ގެންދަނީ ވަގުތުން ދައްކަމުންނެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދަނީ އޭސީސީގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަސް ނެގުމެވެ. މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައިވެސް މުއައްވިޒުގެ ހެކިބަސް ވަނީ ނަގާފަ އެވެ. މިއަދުގެ އަޑުއެހުމުގައި މުއައްވިޒާ ސުވާލުކުރަމުންދަނީ ދައުލަތުގެ ރިޕޯޓުތަކާކާ ގުޅޭގޮތުންނާއި ބޭންކް ސްޓޭޓްމަންޓްތަކަކާ ގުޅިގެންނެވެ.

މުއައްވިޒުގެ ހެކިބަސް ނެގުމަށްފަހު ކުރީގެ ނާއިބުރައީސް އަހުމަދު އަދީބުގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވާތީ މިއަދު 11:00 ޖަހާއިރު އަދީބް ކްރިމިނަލް ކޯޓަށް ހާޒިރުކުރާނެ ކަމަށް އެނގިފައިވެ އެވެ. އަދީބު މިވަގުތު ހުންނެވީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ.

އަދީބުގެ ހެކިބަސް މިއަދު ނެގުމަށް ހަމަޖައްސާފައި މިވަނީ އޭނާގެ ހެކިބަސް ނުނެގުމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ކޯޓުގައި އެދިވަޑައިގެންފައި ވަނިކޮށެވެ. އެގޮތަށް އެދިވަޑައިގަތީ އަދީބުގެ ހިތުގައި ރައީސް ޔާމީންއާ ދޭތެރޭ އަދާވަތްތެރިކަން އޮންނާނެތީއާއި އަދީބަކީ ބޮޑެތި ކުށްތަކެއްގެ ތުހުމަތު ލިބޭ ބޭފުޅަކަށް ވާތީ ކަމަށްވެސް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ އެފަދަ އަދާވަތްތެރިކަމެއް އޮންނާނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވެ ހެކިބަސް ނެގުމަށް ނިންމަވާފަ އެވެ.

އަދީބުގެ ވަކީލުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ ކުރީ ސަރުކާރުގެ އިސް ބޭފުޅުންނާ ދެކޮޅަށް ބަޔާން ދިނުމަށް އަދީބަށް ބިރު ދައްކަމުންދާ ކަމަށް ބުނެފަ އެވެ.