ގަތަރުގެ ވެރިރަށް ދޯހާގައި އޮންނަ 16 އަހަރުން ދަށުގެ އިންޓަނޭޝަނަލް 4 ނޭޝަންސް ކަޕްގައި ވާދަކުރުމަށް ރާއްޖޭގެ 16 އަހަރުން ދަށުގެ ފިރިހެން ފުޓްބޯޅަ ޓީމު ފުރައިފި އެވެ.

މި މުބާރާތް ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 އިން 30 ގެ ނިޔަލަށެވެ. މި މުބާރާތުގައި މުޅިން އަލަށް ރާއްޖެއިން ވާދަކުރާއިރު، މުބާރާތުގައި ރާއްޖެއިން ބައިވެރިވެފައިވަނީ މިހާރު ފަށާފައިވާ 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަނުކުރުމަށް ނިންމުމަށްފަހު އެވެ. އެފްއޭއެމްއިން ބުނީ ސާފް މުބާރާތުގައި ބައިވެރިނުވީ ދެ މުބާރާތް އެއް ތާރީޚެއްގައި އޮތުމުން ކަމަށާއި، އެ އެސޯސިއޭޝަނުގެ ޓެކްނިކަލް ޓީމަށް ފެންނަ ގޮތުން ސާފް މުބާރާތުގައި ބައިވެރިވާ އޭޝިއާގެ ޓީމުތަކަށްވުރެ ގަތަރު މުބާރާތުގައި ވާދަކުރާ ޓީމުތަށް ވަރުގަދަ ކަމަށެވެ. އެހެންކަމުން ގަތަރު މުބާރާތުން ޒުވާން ކުޅުންތެރިންނަށް މާބޮޑު ފައިދާއެއް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.