ބ. ފެހެންދޫއާއި ގޮއިދޫ ކޯޒްވޭއަކުން ގުޅާލުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ގޮއިދޫ ކައުންސިލްގެ ރައީސްކަން ކުރައްވަމުން ގެންދަވާ މުހައްމަދު އާމިރު ވިދާޅުވެއްޖެ އެވެ.

ވީނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާމިރު ވިދާޅުވީ ފެހެންދޫއާއި ގޮއިދޫ ކޯޒްވޭއަކުން ގުޅުވާލުމުގެ ވާހަކަ ރަސްމީ ގޮތެއްގައި ސަރުކާރުގެ އެއްވެސް އިދާރާއަކުން ގޮއިދޫ ކައުންސިލާއި ހިއްސާކޮށްފައި ނުވާތީ އެރަށުގެ ރައްޔިތުންގެ ވިސްނުން މިކަމުގައި ހުރި ގޮތެއް އަދި ބަލާލެވިފައި ނުވާ ކަމަށެވެ.

އެ ދެރަށް ކޯޒްވޭއަކުން ގުޅާލުމުން ފެހެންދޫގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށާއި ވިޔަފާރީގެ ފައިދާތަކެއްވެސް ލިބިގެންދާނެ ކަމަށް އޭނާއަށް ގަބޫލުކުރެއްވޭ ކަމަށްވެސް އާމިރު ވަނީ ވިދާޅުވެފަ އެވެ.

ގޮއިދޫއަކީ އާބާދީގައި 800 މީހުން ދިރިއުޅޭ ރަށެކެވެ. އެރަށުގައި އާމްދަނީ ހޯދުމަށް ދަނޑުވެރިކަން ކުރާއިރު މަސްވެރިކަންވެސް ކޮންމެވެސް ވަރަކަށް ކުރާ ކަމަަށް ގޮއިދޫ ކައުންސިލުން ބުނެ އެވެ.

ގޮއިދޫއިން ފުރައިގެން ހަތް މިނިޓް ތެރޭ ދެވޭ ފެހެންދޫއަކީ އާބާދީގައި 300 މީހުން ދިރިއުޅޭ ރަށެކެވެ.

ރާއްޖޭގައި އެންމެ މަދުން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރޭ ހިމެނޭ ފެހެންދޫގައި އެންމެ ބޮޑު ދަތިކަމަކީ ރަށުގައި ތިބެގެން ތައުލީމު ހާސިލް ނުކުރެވުން ކަމަށް އެރަށުގެ ރައްޔިތުން ބުނެ އެވެ.

އެރަށުގެ ކުދިން ކިޔަވަން ގޮއިދޫއަށް ދަނީ ކޮންމެ ދުވަހަކުވެސް ކަނޑުދަތުރެއް ކޮށްފަ އެވެ.

ގޮއިދޫއާއި އެއްފަޅެއްގައި އޮންނަ ފެހެންދޫއަކީ މިހާރު ގެސްޓްހައުސްގެ ވިޔަފާރިވެސް ފުޅާވަމުން އަންނަ ރަށެކެވެ.