ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގާ ކޮމިޓީ އުވާލައި، އެ އިދާރާ އިންޓަރިމް ކޮމިޓީއަކާ، ސްޕޯޓްސް ކޮމިޝަނަރު ހަވާލުކުރުމުން އެ ނިންމުން ބަދަލުކުރަން ވީއޭޭއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުނު ނަމަވެސް އެ އަމުރު ނެރެދެވެން ނެތް ކަމަށް ކޯޓުން ނިންމައިފި އެވެ.

ވީއޭއެމް އެކްސްކޯ އުވާލައި ސްޕޯޓްސް ކޮމިޝަނަރު ވަނީ ވީއޭއެމްއާ ހަވާލުވުމަށް ފަސް މެންބަރުންގެ އިންޓަރިމް ކޮމެޓީއެއް މިއަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު އެކުލަވާލައި، އެ ކޮމިޓީއާ މަސައްކަތް ހަވާލުކޮށްފަ އެވެ. އަދި ކޮމެޓީގެ މަސައްކަތަކަށް ވެގެންދާނީ ވީއޭއެމް އާއި ގުޅޭގޮތުން މައްސަލަތައް ބަލައި، އައު އިންތިޚާބަކަށް ގެންދިޔުން ކަމަށްވެސް ސްޕޯޓްސް ކޮމިޝަނަރު ވަނީ ކޮމިޓީއަށް އަންގާފަ އެވެ.

ލަތީފް މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ސްޕޯޓްސް ކޮމިޝަނަރުގެ ނިންމުން ރަނގަޅު ނޫން ކަމަށް ވިދާޅުވެ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހްމަދު ސަލީމާއި ކުޅިވަރާ ބެހޭ ވުޒާރާއަށް ގިނަ ތުހުމަތުތަކެއް ކުރެއްވުމަށްފަހު އެވެ.

މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު ލަތީފް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ސްޕޯޓްސް ކޮމިޝަނަރު ނިންމަވާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނާއި ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވައިދާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އެ ނިންމެވުމަކީ ބާތިލް ނިންމެވުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ނިންމާފައިވަނީ ލަތީފްގެ ފަރާތުން އެދިފައިވާ ގޮތަށް މި ވަގުތު ވަގުތީ އަމުރެއް ނެރެދީފިނަމަ، މި ދައުވާގެ މައުލޫގައި ދުރާލާ ވަގުތީ އަމުރުގައި ގޮތެއް ކަނޑައެޅިގެން ދާނެ ކަމަށް ޝަރީއަތަށް ބުރަވެވޭތީ މި ވަގުތު ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ސްޕޯޓްސް ކޮމިޝަނަރު އެކުލަވާލި ވޮލީގެ އިންޓަރިމް ކޮމިޓީގައި ހިމެނެނީ ކޮމިޓީގެ ރައީސް އަދި ބާސްކެޓްބޯލް އެސޯސިއޭޝަނުގެ ކުރީގެ ނައިބު ރަައީސް އަބްދުﷲ އާމިރު (އައްލޯ) އާއި ކޮމިޓީގެ ނައިބު ރައީސަކަށް އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހްމަދު އިސްމާއީލް އެވެ. އަނެއްް ތިން މެމްބަރުންނަކީ ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ މިހާރުގެ ޗެއާމަން ހުސައިން މުހައްމަދުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ އަހްމަދު އިބްރާހީމާއި މަރިޔަމް ޖުމާނާ އެވެ.

މި މައްސަލައިގެ ތެރެއަށް ދުނިޔޭގެ ވޮލީބޯޅައާ ބެހޭ މައި އިދާރާ، އެފްއައިވީބީ އިންވެސް މިހާރު ވަނީ ވަދެފަ އެވެ. އެފްއައިވީބީގެ ޖެނެރަލް ޑިރެކްޓަރު ސޮއިކުރައްވާ، ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދަށް އެޑްރެސްކޮށް ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ވީއޭއެމްގެ އެކްސްކޯ އުވާލަން ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނުން ނިންމާފައިވާ ނިންމުމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު އެކަމުގެ އެއްވެސް ހެއްކަކާއި ތަފުސީލެއް އެފްއައިވީބީއާ ހިއްސާކޮށްފައި ނުވާ ކަމަށްވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ. އެހެންކަމުން މައްސަލަތަކުގެ ތަފުސީލުތައް އެފްއައިވީބީއާ ހިއްސާކޮށްދެއްވުމަށް އޮލިމްޕިކް ކޮމިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ. އަދި މައްސަލަ ބަލައި ނިމެންދެން އެ އިދާރާއިން ވީއޭއެމްގެ ރައީސެއްގެ ގޮތުގައި ގަބޫލުކުރާނީ ލަތީފް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.