ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުމަށް ކުރަންޖެހިފައިވާ އެންމެ މުހިއްމު އެއް ކަމަކީ މާލީގޮތުން ލާމަރުކަޒުކޮށް، ރަށު ކައުންސިލްތަކުގެ އިޚްތިޞާސް ކަނޑައަޅައި، އެ ރަށެއްގެ މުއްސަނދިކަން އެރަށަކަށް ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް 2019" ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ތޮއްޖެހުމާއި އިޖުތިމާއީ މައްސަލަތައް ހައްލުކުރެވޭނީ ރާއްޖޭގެ އެކި ސަރަޙައްދުތައް ތަރައްގީކޮށް، ވަޒީފާތައް އުފައްދައިދީ، ރަށްތަކުގެ ފުދުންތެރިކަން އިތުރުކޮށްގެން ކަމަށެވެ. މިހުރިހާ ކަމެއް ކުރެވޭނީ ޒަމާނުއްސުރެ މާލެއަށް ޖަމާކޮށްފައިވާ ބާރުތައް ދޫކޮށްލައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

"މައި ސަރުކާރުގެ ދަށުގައި މިރާއްޖޭގެ މި ޖަޒީރާ ރަށްތައް ވަރަށް އެކަހެރިކޮށް، ވަރަށް ނިކަމެތިކޮށް އޮތް އޮތުމަށް ނިމުމެއް ގެނައުމަށް އަޅުގަނޑުމެންގެ ވިސްނުމަށް އައީ. އެކަން އެންމެ ރަނގަޅަށް ކުރެވޭނީ ސީދާ ރައްޔިތުންގެ އަތްމައްޗަށް ބާރުތައް ދީގެން ކަމަށް. ރައްޔިތުންނާ ގާތުން ވެރިކަން ހިންގިގެން ނޫނީ އަޅުގަނޑުމެން އެދޭ ބަދަލެއް ނުފެންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ބޭނުންވާ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމަށް ގެންނަންޖެހޭ ގާނޫނީ ބަދަލުތައް މިހާރު އެކުލަވާލެވި ޑްރާފްޓް ކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި މިބިލް ހުށަހެޅިގެންދާނީ މިއަދު ފެށި ކޮންފަރެންސްގައި ބައިވެރިން ހުށަހަޅާ ޚިޔާލުތަކާއި މަޝްވަރާތައްވެސް ހިމަނައިގެން ކަމުގައި ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާޙުތައް ގެންނަން ބޭނުންވާ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން، ކައުންސިލްތައް ބާރުވެރިކުރުވުން ހިމެނޭ ކަމަށެވެ. އަދި މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުމާއި، ގުދުރަތީ އަދި އުމްރާނީ ވަސީލަތްތަކާ މެދު މާނަވީ ގޮތެއްގައި ގޮތް ނިންމުމުގެ ބާރު، ރައްޔިތުންނަށް ދިނުމާއި ޚިދުމަތްތަކާއި ތަރައްގީގެ ކަންކަން އަވަސް މިނުގައި ކުރިއަށް ގެންދިއުމަކީ ވެސް ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ބޭނުންވާ މަގުސަދެއް ކަމުގައިވެސް ވިދާޅުވި އެވެ.

"ލާމަރުކަޒީ ނިޒާމަށް އަޅުގަނޑުމެން ގެނައުމަށް ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތަ ކައުންސިލްތަކަށް ޚާއްސަ ކުރެވޭނެ. މީގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ އާއި، މީހުން ދިރިއުޅޭ ރަށްރަށުގެ އިޚްތިޞާސްގައިވާ ބިމުގެ ކުލީގެ ސައްތައިންސައްތަ ކައުންސިލްތަކަށް ދޫކޮށްލެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ ވަންނާނީ ސީދާ ކައުންސިލްތަކަށް ކަމަށެވެ. އަދި ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގު ކައުންސިލްތަކަށް ފަހިވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވި ގޮތުގައި ތަރައްގީގެ ކަންކަމުގައި އަންހެނުންނާއި ޒުވާނުންގެ ރޯލު ފުޅާކޮށް، މުޖުތަމައުގެ ކުރިއެރުމަށް އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަކީ، ލާމަރުކަޒީ ނިޒާމުގެ މުހިއްމު އެއްބައި ކަމުގަ އެވެ. އަންހެނުންނަކީ މުޖުތަމައުގެ ދެބައިކުޅަ އެއްބަޔަށް ވީއިރު، އަންނަން އޮތް ޖީލުތަކަށް، ދާއިމަށް ދެމިގެންދާނެ ކުރިއެރުމާއި ތަރައްގީ ގެނެވޭނީ އަންހެނުންގެ ޚިޔާލާއި ޢިލްމާއި ލަފާގެ ބޭނުން އެދެވޭ ގޮތުގައި ހިފައިގެން ކަމުގައިވެސް ވިދާޅުވި އެވެ. މިގޮތުން ލާމަރުކަޒީ ގާނޫނަށް ގެންނަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި، ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރަން ނިންމާފައި ވަނީ މި ވިސްނުމުގައި ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.