ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ތެރޭގައި ކެމްޕޭން ފައިސާއެއް ހޯދުމަށް އެއްވެސް އިރަކު ރައީސް ޔާމީން ގުޅުއްވާފައި ނުވާ ކަމަށާއި ނަމަވެސް އެމްއެމްޕީއާރްސީގެ ފައިސާގެ ކަންކަން ބެއްލެވުމަށް ރައީސް ޔާމީން ވަރަށް ގިނައިން ގުޅުއްވަމުން ގެންދެވި ކަމަށް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ވިދާޅުވެއްޖެ އެވެ.

އަދީބް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުގަ އެވެ.

މިއީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް 2015 ވަނަ އަހަރު ހައްޔަރުކުރި ފަހުން ރައީސް ޔާމީނާ އެއް މަޖިލީހަކުން ބައްދަލުވި ފުރަތަމަ ފަހަރެވެ.

ޝަރީއަތުގެ މަޖިލީހުގައި ހުވާކުރެއްވުމަށްފަހު ހެކި ބަސް ދެއްވަމުން އަދީބް ވަނީ ޕީޕީއެމްގެ ނައިބު ރައީސްގެ ގޮތުގައި ހުންނަވައިގެން ޕީޕީއެމަށް ފައިސާ ހޯއްދެވުމަށް މަސައްކަތްކުރެއްވި ގޮތާއި ފައިސާ ލިބުނު ގޮތުގެ މައުލޫމާތުތައް ވެސް ހިއްސާކުރައްވާފަ އެވެ.

އަދީބު ވިދާޅުވީ ޕީޕީއެމަށް ފައިސާ ހޯދަން މަސައްކަތްކުރަމުން ދިޔައީ އިންތިހާބެއް ކުރިމަތިވުމުން އެވަގުތަށް އެކަނި ކަމަށާއި ފައިސާ ދޭ މީހުންވެސް ފައިސާ ދެމުން ދިޔައީ މީހެއްގެ އަތުން އެންމެ ގިނައިން ލައްކައެއް ދެ ލައްކައެއްހާ ރުފިޔާގެ އަދަދުތަކަކުން ކަމަށެވެ.

އަދީބު ވިދާޅުވީ 2015 ވަނަ އަހަރު އެއްވެސް އިންތިހާބެއް ނެތުމުން އެ އަހަރު އިންތިހާބަށް ފައިސާ ހޯދާފައި ނުހުންނާނެ ކަމަށެވެ. ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކެމްޕޭނަށް ހޯއްދެވި ފައިސާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުން އަދީބް ވިދާޅުވީ އެއީ ދޮގެއް ކަމަށެވެ. އެމްއެމްޕީއާރްސީގެ ފައިސާ އަމިއްލަ ކުންފުނިތަކަށް ޖަމާކުރުމުގެ ގޮތުން އެ ފައިސާ ހޯދަން ރައީސް ޔާމީން ވަރަށް ގިނައިން ގުޅުއްވާ ކަމަށްވެސް އަދީބް ވަނީ ވަކީލުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވެފަ އެވެ.

ޝަރީއަތުގެ މަޖިލީހުގައި ވަކީލުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށްފަހު އަދީބް ވަނީ ރައީސް ޔާމީން ކުރެއްވެވި ސުވާލުތަކަށް ވެސް ޖަވާބު ދެއްވާފަ އެވެ. އަދި ރައީސް ޔާމީނަށް ޖަވާބު ދެއްވުމުަގައި ދެ ބޭފުޅުންގެ މެދުގައި ޒުވާބުވެސް ހިނގާފައިވެ އެވެ. މިއީ އަދީބް ހައްޔަރުކުރި ފަހުން ރައީސް ޔާމީނަށް ޝަރީއަތުގެ މަޖިލީހެއްގައި އަދީބަށް ސުވާލުކުރެވުނު ފުރަތަމަ ފަހަރެވެ.

ރައީސް ޔާމީންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަދީބް ވިދާޅުވީ ރައީސް ޔާމީން އަންގަވައިގެން ފައިސާގެ މުއާމަލާތްތަކުގައި ގާނޫނާ ޚިލާފަށް އެމަނިކުފާނު އަމަލުކުރެއްވި ކަމަށާއި އަދި ރައީސް ޔާމީން ވެސް އެކަމުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ. އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓަކަށް ޖަމާކުރަމުން ދިޔަައީ ރައީސް ޔާމީން އަންގަވާ ގޮތެއްގެ މަތިން އެމަނިކުފާނުވެސް ބައިވެރިވެވަޑައިގެން ކަމަށްވެސް އަދީބް ވަނީ ހެކިބަސް ދެއްވާފަ އެވެ. އަދީބް އެގޮތަށް ހެކިބަސް ދެއްވުމުން ރައީސް ޔާމީން ވަނީ ނުރުހުން ފާޅުކުރައްވާ، ކުރައްވާ ސުވާލަށް އެކަނި ޖަވާބު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އަދީބް ވިދާޅުވީ އެމަނިކުފާނު ދެއްވާ ހެކި ބަހާ ގުޅިގެން އިތުރު ދައުވާއެއް އުފުލި ނަމަވެސް އެންމެ ރަނގަޅު ކަމަށާއި ދިވެހި ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދެއްވުމަށްޓަކައި އެއްވެސް ކަމެއް ސިއްރުކުރަން ބޭނުން ނުވާ ކަމަށެވެ.

އަދީބް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާ ރައީސް ޔާމީން ތަކުރާރުކޮށް މުއާމަލާތުކުރައްވާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެމީހުންނާއި ރައީސް ޔާމީން ގުޅުން އޮންނަ ކަމަށާއި އެމީހުންނަކީ ރައީސް ޔާމީން ދެނެވަޑައިގަންނަވާ ބައެއް ކަމުގައިވެސް އަދީބް ވިދާޅުވި އެވެ. އެކަމަކު ރައީސް ޔާމީން ވަނީ އެއީ ކިހިނެއް އަދީބް ނިންމެވި ނިންމެވުމެއްތޯ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ.

އަދީބްގެ ހެކިބަސް ނަގާ ނިމުމާ ގުޅިގެން މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ އަހްމަދު ހައިލަމް ވަނީ މިއަދު އަދި އެއް ބޭފުޅެއްގެ ހެކިބަސް ނަގާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މިއަދު ނެގުމަށް ހަމަޖެހިފައިވަނީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ. ޒިޔަތުގެ ހެކިބަސް ނެގުން އޮންނާނީ މިއަދު މެންދުރުފަހު 2:30 ގައި ބާއްވާ ޝަރީއަތުގެ މަޖިލީހުގައި ކަމަށްވެސް ގާޒީ ހައިލަމް ވަނީ އިއުލާންކުރައްވާފަ އެވެ.