ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ކުރީގެ ރައީސް މައުމޫން އަބްދުލްޣައްޔޫމް، ޑީއާރުޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރުގެ އަތުން ނެންގެވި 29 މިލިއަން ރުފިޔާ އަނބުރާ ދައްކާފައިނުވާ ކަމަށް ބުނެ އެ މައްސަލަ ޖާބިރު ފުލުހުންނަށް ހުށަހަޅުއްވައިފި އެވެ.

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދަށް އެޑްރެސްކުރައްވާ ޖާބިރު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، ރައީސް މައުމޫން މަކަރާއި ހީލަތުން ޖާބިރު އަތުން 29 މިލިއަން ރުފިޔާ ނަންގަވައި އެފައިސާ ނުލިބޭކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައިވާ ކަމުގައެވެ.

އެހެންކަމުން މައުމޫން ފުލުސް އޮފީހަށް ހާޒިރު ކުރައްވައި، މިމައްސަލައިގައި ފުރިހަމަ ތަހުގީގެއް އަވަސް މުއްދަތެއްގައި ކުރެއްވުމަށް ޖާބިރު ވަނީ އެދިވަޑައިގެންފަ އެވެ. އަދި މައްސަލައިގެ ތަހްޤީޤު ކުރިޔަށްދާ ވަރަކުން މިމައްސަލައާއި ހުށަހަޅަންޖެހޭ ހެކި ހުށަހަޅަމުންދާނެ ކަމަށްވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ.

ރައީސް މައުމޫން، ޖާބިރަށް 29 މިލިއަން ރުފިޔާ ދޭންޖެހޭކަމަށް ވިދާޅުވެ އެވާހަކަ ދައްކަވަން ފެއްޓެވުމުން ރައީސް މައުމޫން ވަނީ އެކަން ދޮގުކުރައްވާފަ އެވެ. ރައީސް މައުމޫންގެ ފަރާތްޕުޅުން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އަބްދުﷲ ޖާބިރު އެ ދައްކަވާ ވާހަކަފުޅުތަކަކީ ކަނޑައެޅިގެން އިތުރުފުޅެއް ކަމުގަ އެވެ.

"ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމާއި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި މައުމޫން ރިފޯމް މޫވްމެންޓްގެ ހީވާގި ޓީމަށް، އަބްދުﷲ ޖާބިރު އެއްވެސް ފައިސާއެއް ދީފައިނުވާނެ ކަމުގެ ޔަގީންކަން އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." ރައީސް މައުމޫންގެ ފަރާތްޕުޅުން ނެރެފައިވާ ބަޔާނުގައި ވެއެވެ.

ފައިސާ އާއި ގުޅޭގޮތުން ޖާބިރު ވިދާޅުވެފައިވަނީ 29 މިލިއަން ރުފިޔާ މައުމޫނަށް ދެއްވީ ލޯނެއްގެ ގޮތުގައި އަނބުރާ ދައްކަވާ ގޮތަށް އިންޓަރެސްޓް ވެސް އަރާގޮތަށް ކަމުގައެވެ.