އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރާ ފާޅުތަކާއި ރަށްތައް ދޫކުރުމުގައި އަމަލުކުރީ ރައީސް ޔަމީން އަންގަވާ ގޮތަކަށް ކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެއެވެ.

ޒިޔަތު މިހެން ވިދާޅުވީ މިމައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދެއްވަމުންނެވެ.

މިއަދުގެ އަޑުއެހުމުގައި އޭސީސީގެ ރައީސް މުއައްވިޒް ރަޝީދުގެ ހެކިބަސްވެސް ވަނީ ނަގާފައެވެ.

ކުރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ޒިޔަތު އާއި ސުވާލު ކުރެއްވުމުން ޒިޔަތު ވިދާޅުވީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރާ ފާޅުތަކާއި ރަށްތައް ދޫކުރުމަށްފަހު ލިބޭ ފައިސާއާމެދު ވަކި ގޮތަކަށް އަމަލު ކުރަން ރައީސް ޔާމީނު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. ޒިޔަތު ވިދާޅުވީ ފައިސާތައް އަދީބުއާއި ހަވާލުކުރުމަށް ރައީސް ޔާމީން ފޯނުން ވައިބަރ މެދުވެރިކުރައްވާ އަންގަވާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރާ ރަށްތަކުގެ ތެރެއިން ވޮޑުމުލާގެ ފައިސާ އަދީބުއާއި ހަވާލުކުރުމަށް އެސްއޯއެފް ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.

ޒިޔަތު ވިދާޅުވީ ރަށްތަކާ ފަޅުތައް ދޫކުރުމަށް ވަކި ބޯޑެއް އޮންނަކަމަށާއި، އެހެން ނަމަވެސް ބޯޑާ އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށާ ހުރިހާ ކަމެއްވެސް ކުރައްވަނީ ރައީސް ޔާމީންގެ އިރުޝަދާ އެއްގޮތައް ކަމަށެވެ.

އެމްއެމްޕީއާރުސީއިން ކޮންމެ އަހަރަކު ދޫކުރާ ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބޭ އާމްދަނީ ލަފާކުރަނީ ބޯޑަށް އެނގިގެން ނޫންތޯ ރައީސް ޔާމީން ޒިޔަތުއާއި ސުވާލު ކުރެއްވުމުން ޒިޔަތު ވިދާޅުވީ، އިކުއިޒިޝަން ކޮސްޓްގެ ކަންތައް ހިންގަނީ ކުންފުންޏަށް އެނގިގެން ނޫން ކަމަށާ ރައީސް ޔާމީން އަންގަވާގޮތައް ކަމަށެވެ.

ރައީސް ޔާމީން ޒިޔަތުއަށް ގުޅުއްވާ އިރުޝަދު ދެއްވާ ކަމަށް ވިދާޅުވަމުން ގެންދަވާތީ ޔާމީން ވިދާޅުވީ އެމަނިކުފާނުއާއި ޒިޔަތުއާއި ބައްދަލުވީ އެންމެ ފަހަރަކު ކަމަށާ އެއީ ފުލުހުންގެ ތަހުގީގު ކުރިއަށް ދިޔައިރު އެކަނި ކަމަށެވެ.

އެމްއެމްޕީއާރުސީއަށް ލިބޭ ފައިސާ އާއި ރަށްތައް ދޫކުރުމުގައި އަމަލުކުރަނީ ޔާމީންއާއި އަދީބް އަންގަވާ ގޮތެއްގެމަތިން ކަމާށާ އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ޗެކް ހުންނާނީ އެ ކުންފުންޏަށް ލިބެންޖެހޭ ގޮތަށް ކަމަަށް އަދި އެހެން ކުންފުނިތަކަށް ޖަމާކުރަން އިރުޝާދުދިނީ ރައީސް ޔާމީނާއި އަދީބު ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތު ޖަލުގައިހުރެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އަދީބް އާއި އެއްވެސް ޗެކްއެއް ހަވާލުކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް ޒިޔަތު ވިދާޅުވީ އެގޮތައް ބުނެފައި ނުވާނެ ކަމަށާ އެއީ އޭނާގެ ހުއްދައާއެކު ނެރެފައިވާ އެއްޗެއް ނޫން ކަމަށެވެ.

ރައީސް ޔާމީން އަންގަވައިގެންވެސް ގާނޫނާ ގަވާއިދާ ހިލާފް އެހާ ބޮޑުކަމެއް ކުރެއްވީ ކީއްވެގެންތޯ ޔާމީން ޒިޔަތުއާއި ސުވާލު ކުރެއްވުމުން ޒިޔަތު ވިދާޅުވީ އަދީބު އަންގަވާ ގޮތަކަށް އަމަލު ކުރުމަށް ރައީސް ޔާމީން ކުރިން އަންގަވާފައިވާ ކަމަށެވެ.

އަދި އެގޮތައް އަމަލުކުރަނީ ބަންޑާރަ ނައިބުގެ ލަފާ ހޯއްދަވައިގެންތޯ އެއްސެވެމުން ޒިޔަތު ވިދާޅުވީ ބަންޑާރަ ނައިބުގެ ލަފާފުޅު ނުހޯއްދަވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި އޭސީސީގެ ރައީސް މުއައްވިޒްގެ ހެކިބަސްވެސް ވަނީ ނަގާފައެވެ. މިއީ މުއައްވިޒް ހާޒިރުކޮށް ސުވާލުކުރި ދެވަނަ ދުވަހެވެ.

މިއަދުގެ އަޑުއެހުމުގައި މުއައްވިޒާ ސުވާލުކޮށްފައިވަނީ ދައުލަތުގެ ރިޕޯޓުތަކާކާ ގުޅޭގޮތުންނާއި ބޭންކް ސްޓޭޓްމަންޓްތަކާ ގުޅިގެންނެވެ.