ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި ކަމަށްވާ އެމެޒަން ޖަންގަލީގައި އަލިފާން ރޯވެ އަނދަމުން ދަނީ އެވެ. ބްރެޒިލްގައި ހިމެނޭ އެމެޒަން ޖަންގަލީގެ ސަރަހައްދުތަކުގައި އެކި ވަރުގެ 9،500 އެތައް އަލިފާންގަނޑެއް ރޯވެ، އަނދަމުންދާއިރު މި އަލިފާންގަނޑުތައް ރޯވާން ދިމާވީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކަމަށް ގަބޫލުކުރެވެ އެވެ. ތިމާވެށީގެ މާހިރުންނާއި ދިރާސާ ކުރާ މީހުން ތުހުމަތުކުރާ ގޮތުގައި، ބްރެޒިލްގެ ޖަންގަލިތަކުގައި ރޯވީ އިންސާނުންގެ ވިޔާނުދާ އަމަލުތަކުގެ ސަބަބުންނެވެ.

ބްރެޒިލްގެ ޖަންގަލިތަކުގައި ރޯކޮށްލާފައިވަނީ ދަރުގެ ބޭނުމުގައި ގަސްކަނޑާ ފަރާތްތަކާއި، ޖަނަވާރު ގެންގުޅޭ ފަރާތްތައް، ދަނޑުތައް ސާފު ކުރުމުގެ މަގުސަދުގަ އެވެ. އަދި މިކަމުގައި ވިޔަފާރިތަކަށް ހިތްވަރުދެއްވާ ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ދައުރެއް އޮތްކަމަށް ތިމާވެށީގެ މާހިރުން ތުހުމަތު ކުރެ އެވެ. ނަމަވެސް މިކަން ދޮގު ކުރައްވާ ބްރެޒިލްގެ ތިމާވެއްޓާ ބެހޭ ވަޒީރު ރިކާރްދޯ ސާލް ވިދާޅުވީ ޖަންގަލިތަކުގައި ރޯވީ ހަނަފަސްވުމާއި، ވައިގަދަވުމާއި، ހޫނު ގަދަވުމުގެ ސަބަބުން ކަމަށެވެ.

"ބްރެޒިލްގެ ޖަންގަލިތަކުގައި ގިނަ ސަރަހައްދުތަކުގައި ރޯކޮށްފައިވަނީ އިންސާނުން. ހޫނުގަދަ މޫސުމުގައިވެސް އެމެޒަން ޖަންގަލީގެ އެހާ ގިނަ ސަރަހައްދުތަކެއްގައި ރޯވުމަކީ ވަރަށް ނާދިރު ކަމެއް. ސަބަބަކީ މިއީ ވަރަށް ތެތްފިނި ސަރަހައްދެއް،" ތިމާވެށި ހިމާޔަތްކުރާން މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އެމެޒަން ވޮޗްގެ ޕްރޮގްރާމް ޑިރެކްޓަރު ކްރިސްޓިއަން ޕޮއައިއޭ ބުންޏެވެ.

ދަނޑުވެރިންނާއި ޖަނަވާރު ގެންގުޅޭ ފަރާތްތައް އެ މީހުންގެ ދަނޑުތައް ސާފު ކުރާން އަލިފާން ރޯކުރުމަކީ ބްރެޒިލްގައި އާންމު ކަމެކެވެ.

ހޫނު މޫސުމުގައި ބްރެޒިލްގެ ބައެއް ހަނަފަސް ސަރަހައްދުތަކުގައި އަލިފާން ރޯވެ އެވެ. އެ ގައުމުގެ ޖައްވީ އިދާރާ އައިއެންޕީއީ އިން ބުނީ މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އަލިފާން ރޯވެފައިވާ ސަރަހައްދުތަކުގެ އަދަދު 85 އިންސައްތަ އިތުރު ކަމަށެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ އެމެޒަން ޖަންގަލީގެ ސަރަހައްދުތަކެވެ.

އެެމެޒަން ޖަންގައްޔަކީ "ދުނިޔޭގެ ފުއްޕާމޭ"ގެ ގޮތުގައި ބަލާ ތަނެކެވެ. ސަބަބަކީ، ޖައްވުގައިވާ އޮކްސިޖަންގެ 20 އިންސައްތައަކީ އެމެޒަން ޖަންގަލީގައިވާ ގަސްތަކުން އުފައްދާ އެއްޗެކެވެ. ތިމާވެށީގެ ޖަމިއްޔާ ވޯލްޑް ވައިލްޑްލައިފް ފަންޑްއިން ބުނީ އެމެޒަން ޖަންގަލީގެ އަލިފާން ގަނޑުތައް ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ، އެ ތަނުން ކާބަން ބޭރުވާން ފެށުމަކީ ގާތް ކަމެއް ކަމަށެވެ. އެހެން ވެއްޖެ ނަމަ، އެކަން ވެގެންދާނީ ބަދަލުކޮށްލާން ދަތި ކަމަކަށެވެ.

އެމެޒަން ޖަންގަލީގައި ރޯވެ އަނދަމުންދާތީ ދުނިޔޭގެ އެކި ކަންކޮޅުތަކުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ ބްރެޒިލްގެ ރައީސް މިކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ބުނަމުންނެވެ. ސަބަބަކީ ރިޔާސީ ކެމްޕެއިން ކުރައްވަމުން ގެންދެވިއިރު އޭނާ ވަނީ ޖަންގަލީގެ ސަރަހައްދުތަކުގެ ނަފާ ހޯދާން ވިޔަފާރިވެރިންނަށް ގޮވާލައްވާފަ އެވެ. އަދި، އޭނާވަނީ ބްރެޒިލްގެ ތިމާވެށި ހިމާޔަތްކުރާން މަސައްކަތްކުރާ އިދާރާގެ ބަޖެޓްވެސް ކަނޑައިލާފަ އެވެ.

މީގެ އިތުރުން ބްރެޒިލްގެ ޖައްވީ އިދާރާ އައިއެންޕީއީގެ އިސް ޑިރެކްޓަރަކާއި ދެމެދު ކުރިމަތިވި ޚިޔާލު ތަފާތުވުންތަކަކަށްފަހު ބްރެޒިލްގެ ރައީސް ވަނީ އޭނާ މަގާމުން ދުރުކޮށްފަ އެވެ. ދެބަސްވުންތަކެއް އުފެދުނީ ބްރެޒިލްގެ ޖަންގަލިތަކުން ގަސް ކަނޑާ މިންވަރު 80 އިންސައްތަ އިތުރުވެފައިވާ ކަމަށް ބުނުމުންނެވެ. ނަމަވެސް، ރައީސް ބޯޝޮނާރޯ އެކަން ދޮގު ކުރެ އެވެ.