އެންޓި-ޓޯޗަރ ޤާނޫނުގެދަށުން ހިއުމަންރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވުސް (އެޗްއާރުސީއެމް) އަށް ހުށަހެޅުނު ގިނަ މައްސަލަ ތަކަކީ ފުލުހުންނާއި ގުޅޭ މައްސަލަތައް ކަމަށްވާއިރު، އެފަދަ މައްސަލަތައް ސާބިތުކުރަންވެސް ފުލުހުންގެ ފޮރެންސިކް އެހީތެރިކަން ހޯދަން ޖެހުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް އެޗްއާރުސިއެމުން ބުނެފިއެވެ.

އެންޓި-ޓޯޗަރ ޤާނޫނުގެދަށުން ހުސްވި އަހަރުގެ ތެރޭގައި އެ ކޮމިޝަނަށް ހުށަހެޅުނު 43 މައްސަލައިގެ ތެރެއިން 23 މައްސަލަ އަކީ ފުލުހުންނަށް ތުހުމަކުރެވޭ މައްސަލަތައް ކަމަށް، ކޮމިޝަނުން އާއްމުކުރި، 2019 ވަނަ އަހަރުގެ އެންޓި ޓޯޗަރ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެންޓި ޓޯޗަރ ޤާނޫނުގެ 37 މާއްދާގެ (ށ)ގެ ދަށުން ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު، ޢާންމުކުރުމަށް ކޮމިޝަނަށް ލާޒިމްކޮށްފައިވާ ރިޕޯޓެކެވެ.

މި ރިޕޯޓް ދިރާސާ ކުރުމަށް، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް އެޗްއާރުސީއެމްގެ މެންބަރުން ހާޒިރުކޮށް، އެ ކޮމެޓީގެ މުގައްރިރު އަދި އެ ކޮމިޝަންގެ ކުރީގެ މެންބަރު ޖީހާން މަހުމޫދު ވަނީ ގިނަ ސުވާލުތަކެއް ކޮމިޝަނަށް އަމާޒުކޮށްފައެވެ.

އެގޮތުން އެ ކޮމިޝަނަށް ހުށަހެޅުނު 43 މައްސަލައިގެ ތެރެއިން 23 މައްސަލަ އަކީ 24 ފުލުހެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަތައް ކަމަށްވާއިރު، އެ މައްސަލަތައް ސާބިތުކުރަން ބޭނުންވާ ފޮރެންސިކް ހެކި ފުލުހުން މެދުވެރިކޮށް ހޯދާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ފުލުހުންގެ ފޮރެންސިކްގެ އެހީ ހޯދުމަކީ އޭގައި (ކޮންފްލިކްޓް އޮފް އިންޓްރެސް) އަމިއްލަ މަސްލަހަތު ނުހިމެނޭނެ ކަމެއްތޯ ޖީހާން ސުވާލުކުރެއްވި އެވެ.