ސިއްހީ ނިޒާމު ކުރިއެރުވުމަށް ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންގެންދާއިރު، ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ފެންވަރަކަށް ސިއްހީ ޚިދުމަތް ދޭން މަސައްކަތްކުރާނެ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

ވީނިއުސްރޫމްގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝާހް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފަސް ހޮސްޕިޓަލެއް ޓާޝަރީ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި މި ހޮސްޕިޓަލުތަކުން ދެވޭ ޚިދުމަތް ރަނގަޅުކުރުމަށް މިތަންނަތަނަށް ބޭނުންވާ ސާމާނު ހަމަކުރުމުގެ މަސައްކަތާއި މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝާހް ވިދާޅުވިއެވެ.

މީގެ އިތުރުން ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ސިއްހީ ދާއިރާއާ ގުޅިގެން ރައްޔިތުން ފާޅުކުރާ ހިޔާލު އަޑުއެހުމަށް ކޮމްޕްލެއިން ގައިޑްލައިނެއް ގާއިމްކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންގެންދާ ކަމަށް ޑރ.ޝާހު ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ މިފަދަ ޝަކުވާތައް އަޑުއަހައި، އެކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރަމުން ގެންދާނެ ކަމަށް ޝާހު ވިދާޅުވިއެވެ. އަދި ކޯލް ސެންޓަރެއް ގާއިމްކޮށް، އަވަސް ފަރުވާ، ބައިނަލްއަގްވާމީގޮތުން ގަބޫލުކުރާ ފެންވަރަކަށް ދިނުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށްވެސް ޝާހް ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ ސިއްހީ ނިޒާމުގައި ދެވޭ ޚިދުމަތަކީ ހަރުދަނާ ހިދުމަތްތަކެއް ކަމުގައި ޔަގީންކުރުމަށް މައިގަނޑު ހަ ބަޔަކަށް ބަލަންޖެހޭ ކަމުގައެވެ. އެގޮތުން ސިއްހީ ދާއިރާއަކީ އޭގެ ފައިދާ އެހެން މީހުންނަށް ކުރާ ދާއިރާއަކަށް ވާންޖެހޭ ކަމަށާއި، ސިއްހީ ނިޒާމަކީ ރައްކާތެރި ނިޒާމަކަށް ވާންޖެހޭ ކަމަށް ޝާހް ވިދާޅުވިއެވެ. އަދި ބަލި މީހުންނަށް އެމީހުންނަށް ލިބެންޖެހޭ ފަރުވާ އަވަހަށް ދެވެންޖެހޭނެ ކަމަށާއި، ސިއްހީ ނިޒާމަކީ އިސްރާފުވާ މިންވަރު މަދު ނިޒާމަކަށް ވާންޖެހޭ ކަމަށްވެސް ޝާހް ވިދާޅުވިއެވެ. ޝާހް އިތުރަށް ވިދާޅުވީ ހަމަހަމަކަމާއެކު ސިއްހީ ފަރުވާ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ވަށާޖެހޭ ނިޒާމެއްގެ ދަށުން ސިއްހީ ޚިދުމަތް ދިނުންވެސް ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގައި ހިމެނޭ ކަމަށެވެ.