އިންޑިއާގެ ގާނޫނުއަސާސީގެ 370 ވަނަ މާއްދާ އުވާލުމަކީ އިންޑިއާގެ ދާޚިލީ ކަމެއް ކަމަށް ދިވެހިރާއްޖެއިން ދެކޭ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޝާހިދަށް ޕާކިސްތާނުގެ ޚާރިޖީ ވަޒީރު މަޚްދޫމް ޝާހް މަޙްމޫދު ޤުރައިޝީ މިއަދު މެންދުރު ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. އެގޮތުން ޤުރައިޝީ ވަނީ ޖައްމު ކަޝްމީރުގެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާއި، އިންޑިއާއިން އެ ގައުމުގެ ގާނޫނުއަސާސީގެ 370 ވަނަ މާއްދާ އުވާލުމާއި މެދު ޕާކިސްތާނުން ދެކޭ ގޮތުގެ މައުލޫމާތު މިނިސްޓަރު ޝާހިދަށް އަރުވާފައި ކަމަށެވެ.

ޚާރިޖީ ވުޒާރާއިން ބުނީ މި ފޯނުކޯލްގައި މިނިސްޓަރު ޝާހިދު ދެއްކެވި ވާހަކަފުޅުގައި، ޕާކިސްތާނާއި އިންޑިއާއަކީވެސް ދިވެހިރާއްޖެއާ ވަރަށް ރަޙުމަތްތެރި ދެ ގައުމުކަން ފާހަގަކުރެއްވި ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ސުލްހަވެރިކަމާއި އެކު ހައްލުކުރުން މުހިއްމު ކަމަށް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި ކަމަށެވެ.

މީގެ އިތުރަށް އިންޑިއާގެ ގާނޫނުއަސާސީގެ 370 ވަނަ މާއްދާ އުވާލުމަކީ އިންޑިއާގެ ދާޚިލީ ކަމެއް ކަމަށް ދިވެހިރާއްޖެއިން ދެކޭ ކަމަށްވެސް އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ. ޝާހިދުގެ ވާހަކަފުޅުގައި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ޕާކިސްތާނުގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައިކަމުގެ ޔަގީންކަން ގުރައިޝީއަށް ވަނީ އަރުވާފައެވެ.

ދެގައުމުގެ މަސްލަހަތުހުރި ކަންކަމުގައި ބައިނަލްއަގުވާމީގޮތުންނާއި ސަރަހައްދީގޮތުން އަދި ދޭދޭގޮތުން ޕާކިސްތާނާއި ރާއްޖެއާ ދެމެދު އެއްބާރުލުންދިނުން މުސްތަގުބަލުގައި ވެސް ކުރިއަށްދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޝާހިދު ވިދާޅުވެފައި ވެއެވެ.