ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ލަފަޔަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވާފައިވާ ދެ ނަންފުޅު ބަލައިގަނެ އިތުރު ބޭފުޅުންނަށް ކުރިމަތިލެއްވުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

ޖޭއެސްސީން ބުނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ލަފަޔަކަށް އެދިވަޑައިގެން ފޮނުއްވާފައިވާ ދެ ނަންފުޅަކީ ފަނޑިޔާރުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހަޅުއްވާފައިވާ ނަންފުޅުތަކެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ކުރިމަތިލާން ބޭނުންފުޅުވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާ ބޭފުޅުން ފޯމުގެ ބަދަލުގައި ހުށަހަަޅަންޖެހޭނީ ސިޓީއެއް ކަމަށެވެ. އަދި ހުށަހަޅާ ސިޓީއާއެކު، އެފަރާތެއްގެ ވަނަވަރާއި، ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުން ދީފައިވާ ލިޔުމާއި، ވަކާލާތު ކުރުމުގެ ހުއްދައިގެ ކޮޕީއެއްގެ އިތުރުން ޕާސްޕޯޓް ސައިޒް ފޮޓޯއަކާއި، އައިޑީކާޑް ކޮޕީއެއް ހުށަހަޅަންޖެހޭ ކަމަށެވެ.

ޒަހީން ވިދާޅުވީ ރައީސް ފޮނުއްވި ބޭފުޅުންގެ ޝަރުތު ހަމަވޭތޯ ޖެއެސްސީން ކަނޑައަޅާނީ ކުރިމަތިލައްވާ ހުރިހާ ބޭފުޅުންގެ ޝަރުތުތައް ބަލާއިރު ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވި ދެ ނަންފުޅު އެވަނީ އަޅުގަނޑުމެން ކުރި އިއުލާނާ ގުޅިގެން ހުށައެޅި ދެނަން ކަމުގައި ނިންމާފައި. އޭގެ އިތުރުން އިތުރު ބޭފުޅަކު ކުރިމަތިލާން ޝައުގުވެރިވަންޏާ ގާނޫނުގައި އޮތް ފުރުސަތު އަޅުގަނޑުމެން މިއަދު މި ދިނީ. އެހެންވީމަ ކޮމިޝަނުގެ ޓާގެޓަކީ ވީހާވެސް އަވަހަށް މިކަން ނިންމާފައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުން. އަދި ލަފާ އަރުވާއިރު އަޅުގަނޑުމެން ނިންމާ ނިންމުންވެސް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާނަން" ޒަހީން ވިދާޅުވިއެވެ.

ޒަހީން ވިދާޅުވީ ހުކުރު ދުވަހު ފުރުސަތު ހުޅުވާލި ކަމުގައި ވީނަމަވެސް ސިޓީ ބަލައިގަންނަން ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުން ފެށިގެން ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުގެ މެންދުރު 2:00 އިން ހަވީރު 4:00 އަށް އެ ކޮމިޝަން ހުޅުވާފައި ހުންނާނެ ކަމަށާއި މީގެ އިތުރުން އާދީއްތަ ދުވަހުގެ މެންދުރު 12:00 އާއި ހަމަޔަށް ސިޓީ ބަލައިގަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަންކުރުމުގެ މަސައްކަތަށް ކޮމިޝަނުގެ ހުރިހާ މެންބަރުން ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލުމަށް ވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ. އެ ކޮމިޝަނުގެ އަމާޒަކީ ހޯމަ ދުވަހުގެ ނިޔަލަށް މިކަން ނިންމައި ގާނޫނުގައި ބުނާ ފަދައިން ރައީސުލްޖުމްހޫރިއްޔާއަށް ނަންފުޅުތައް ފޮނުވުން ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެން ރައީސުްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު މ. ސީނާ، ޑރ. އަޒްމިރަލްދާ ޒާހިރާއި، ސިވިލް ކޯޓުގެ ކުރީގެ ގާޒީ މ. ކޮކާހަނދުވަރު، އައިޝާ ޝުޖޫން މުހައްމަދުގެ ނަންފުޅެވެ.