އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) މެންސް ސީނިއާ ސެންޓްރަލް ޒޯން ވޮލިބޯޅަ މުބާރާތުގެ ތިންވަނަ ހޮވި މެޗުން ތުރުކުމަނިސްތާން އަތުން ރާއްޖެ ބަލިވެއްޖެ އެވެ.

މި މެޗުން ރާއްޖެ ބަލިވިމުން، މިފަހަރުގެ މުބާރާތުގައި ރާއްޖެއަށް ލިބުނީ ހަތަރުވަނަ އެވެ. މުބާރާތާ ރާއްޖެއިން ކުރިމަތިލީ ރަން މެޑަލް ހޯދުމުގެ އަމާޒުގައެވެ. ރާއްޖޭން އެންމެ ފަހުން ސެންޓްރަލް ޒޯނުގައި މެޑެއްޔެއް ހޯދީ 2016 ވަނަ އަހަރު ބަންގްލަދޭޝްގަ އެވެ. އެ ފަހަރު ލިބުނީ ތިންވަނަ އެވެ.

މިއަދު ކުޅުނު މެޗުގައިވެސް ރާއްޖޭގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. ގިނަ ގޯސްތަކެއް ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައިރު، މި މެޗު ތުރުކުމަނިސްތާނުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެޓީމުން ގެންދިޔައީ 25-19، 25-20 އަދި 25-19 އިންނެވެ. ރާއްޖެއަށް މިހާތަނަށް ތުރުކުމަނިސްތާނު އަތުން މޮޅުވެފައެއް ނުވެއެވެ.

މިފަހަރުގެ މުބާރާތާ ރާއްޖެއިން ކުރިމަތިލާފައިވަނީ ވަރަށް ރަނގަޅަށް ތައްޔާރުވުމަށްފަހު އެވެ. އެގޮތުން ސާބިއާގައި ކޭމްޕް ކުރުމަށްފަހު ވޮލީ ޓީމުން ވަނީ ރާއްޖޭގައި ވަރުގަދަ ސްރީލަންކާއާ ދެކޮޅަށް އެކުވެރިކަމުގެ ތިން މެޗު ކުޅެފައެވެ.

ނޭޕާލްގައި ކުރިއަށްދާ ސެންޓްރަލް ޒޯނުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ކިރްގިސްތާނާއި އުޒްބަކިސްތާނެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.