ޖައްވުގައި އެންމެ ފުރަތަމަ ފަހަރަށް ހިންގި ކުށުގެ އަމަލު އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ތަހުޤީޤު ކުރާން ފަށައިފިއެވެ.

ޖައްވުގައި ފުރަތަމަ ފަހަރަށް ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވިފައި މިވަނީ ޖައްވީ އެސްޓްރޮނޯޓްއެއް ކަމަށްވާ އޭން މެކްލެއިންގެ މައްޗަށެވެ.

ބައިނަލްއަޤްވާމީ ޖައްވީ އިދާރާ (އައިއެސްއެސް) ގައި ހުރެ މެކްލެއިން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކުށަކީ، އޭނާގެ ކުރީގެ އަނބިމީހާގެ ބޭންކް އެކައުންޓްއަށް ލޮގިންވެ، އޭގައިވާ މަޢުލޫމާތު ހޯދައި، ބެލުމެވެ.

ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެކްލެއިންވަނީ، އޭނާގެ ކުރީގެ އަނބިމީހާގެ ބޭންކް އެކައުންޓްގައިވާ މަޢުލޫމާތު، އިންޓަނެޓް މެދުވެރުކޮށް، ބަލާފައިވާ ކަމަށް އެއްބަސްވެފައެވެ. ނަމަވެސް، އެއްވެސް ނުރަނގަޅު އަމަލެއް ނުވަތަ ކުށެއް ކޮށްފައި ނުވާނެ ކަމަށް އޭނާދަނީ ބުނަމުންނެވެ.

އޭނާ މި އަމަލު ހިންގާފައިވަނީ އައިއެސްއެސްގައި އޭނާ ހުރި ވަގުތެވެ. އަދި ޖައްވީ ދަތުރަށްފަހު އޭނާ މިހާރުވަނީ އެނބުރި ދުނިޔެއަށް އައިސްފައެވެ. އެކައުންޓަށް ލޮގިންވެ މަޢުލޫމާތު ބަލައިފައިވާކަމަށް ތުހުމަތުކޮށް ކަމާއިބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާފައިވަނީ އޭނާގެ ކުރީގެ އަނބިމީހާ ސަމަރ ވޯޑެންއެވެ.

މެކްލެއިން ނިއުޔޯކް ޓައިމްސްއަށް ކިޔައިދިން ގޮތުގައި، ވޯޑެންގެ ބޭންކް އެކައުންޓަށް ލޮގިންވީ، އެކައުންޓްގައި ފައިސާ ހުރިކަން ކަށަވަރު ކުރުމުގެ ނިޔަތުގައެވެ.

އޭނާގެ ބޭނުމަކަށްވީ، އޭނާގެ ދަރިފުޅަށް ޚަރަދުތައް ކުރުމަށާއި، ގޭގެ ބިލްތައް ދެއްކޭ ވަރަށް ވޯޑެންގެ އެކައުންޓްގައި ފައިސާ ހުރިކަން ކަށަވަރު ކުރުމެވެ. އަދި، ނިޔަތަކީ، އެކައުންޓްގައި ފައިސާ ނެތްނަމަ، ފައިސާ ޓްރާންސްފަރ ކޮށްދިނުމެވެ.

ޖައްވުގައި ހިނގާ ކުށްތަކާއިބެހޭ ގޮތުން ކަނޑައަޅާފައި އޮންނަ ގޮތުގައި، ޖިނާއީ ދައުވާއެއް އުފުލޭނީ، އެ އަމަލެއް ހިންގި އެސްޓްރޮނޯޓްގެ ޤައުމުގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއް ގޮތަށެވެ. ސަބަބަކީ، އައިއެސްއެސްއަކީ، ފަސް ޤައުމެއް ނުވަތަ ސަރަހައްދެއްގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ވުމެވެ. އެއީ، އެމެރިކާ، ރަޝިޔާ، ވިލާތުގެ އިއްތިހާދު، ޖަޕާން އަދި ކެނެޑާއެވެ.

މިއީ، މިފަދަ ހާދިސާއެއް ޖައްވުގައި ހިނގާފައިވާކަން ރެކޯޑްކުރެވިފައިވާ ފުރަތަމަ ފަހަރެވެ.

މެކްލެއިންއަކީ، ކުރީން އެމެރިިކާގެ އަސްކަރިއްޔާގެ ވައިގެ ސިފައިންގެ ޕައިލެޓެކެވެ. އޭނާވަނީ، އިރާޤު އަދި އަފްޣާނިސްތާނުގެ ހަނގުރާމައިގައި 800 އަށްވުރެ ގިނަ ގަޑިއިރު ވައިގެ މިޝަންތަކުގައި ހޭދަކޮށްފައެވެ.

އޭނާ ނާސާއާއި ގުޅި، އެސްޓްރޮނޯޓަކަށް ވެފައިވަނީ 2013 ވަނަ އަހަރުއެވެ. އޭނާ އެންމެ ފަހުން އައިއެސްއެސްއަށް ކުރި ދަތުރުގައި ހަމަސް ދުވަސް ހޭދަކުރިއެވެ.