ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު ހޮވަން ބެއްވި އިންތިހާބު ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓް އަލީ ޝަރީފު ކާމިޔަބު ކުރައްވައިފިއެވެ.

މި އިންތިހާބުގައި ވާދަކުރި ތިން ބޭފުޅުންނަކީ ކްމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމާއި ގދ. ފިޔޯރީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލްރައްޒާގު މުހައްމަދާއި ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފުއެވެ.

އަލީ ޝަރީފު އިންތިހާބު ކާމިޔާބު ކުރެއްވިއިރު އޭނާއަށް ލިބވަޑައިގަތީ 127 ވޯޓެވެ. ވާދަކުރި ފަނޑިޔާރު ހައިލަމަށް 27 ވޯޓު ލިބިވަޑައި ގެންނެވިއިރު އަބްދުއްރައްޒާގަށް ލިބިވަޑައިގެންނެވީ އެންމެ ވޯޓެކެވެ.

ޖޭއެސްސީއަށް މެންބަރަކު ހޮވުމަށް މިއަދު އިންތިހާބު ބޭއްވީ ދަށު ކޯޓުތަކުގެ ފަރާތުން ޖޭއެސްސީގައި އިންނެވި ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅުގެ މަގާމުގެ ދައުރު ހަމަވުމުންނެވެ.

ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރާއެކު ޖުމްލަ 10 މެންބަރުންނެވެ.

މި އިންތިހާބު ކުރިޔަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު ނުވަޔަކުން ފެށިގެން ހަވީރު 5 ގެ ނިޔަލަށެވެ.

މިއިންތިހާބުގައި ވޯޓުލުމުގެ ހައްގު 178 ބޭފުޅަކަށް ލިބިފައިވާއިރު އިންތިޒާމުގެ ކަންކަން ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ އެހީތެރިަކަމާ އެކުގައެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކޮށްފައިވާއިރު ދާއިމީ ނަތޯޖާ އިއުލާނުކުރުމަށް ހަމަޖައްސާފައިވަނީ މާދަމާގެ ވަގުތެއްގައެވެ.