ސިނަމާލެ ބުރިޖުގައި ޖަހާފައި ހުރި ޑިވައިޑަރުތައް ކޮންކްރީޓުން ހެދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

ސިނަމާލެ ބްރިޖް މިދިޔަ އަހަރުގެ ފަހުކޮޅު ހުޅުވާފައި ވާއިރު، އޭގެފަހުން ހައިވޭގައި އެތައް އެކްސިޑެންޓެއް ހިނގައި ޑިވައިޑަރުތައް ވަނީ އެކިފަހަރު މަތިން ވަރަށް ބޮޑަށް ހަލާކުވެފައެވެ.

އެޗްޑީސީން ބުނެފައިވަނީ ޑިވައިޑާތައް ކޮންކްރީޓުން ހަދައި ހައިވޭގައި ބަހައްޓަން ފަށާފައިވާ ކަމަށެވެ. އަދި މިމަސައްކަތް ނިންމުމަށް ހަފްތާއަކަށްވުރެ ގިނަ ދުވަސް ނަގާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހައިލް މީގެކުރިން ވިދާޅުވީ ޑިވައިޑަރުތައް ޕްލާސްޓިކުން ހަދާފައި ހުރުމުން އެއް ލޭނުން އަނެއް ލޭނަށް އަރާ ވެހިކަލްތަކުން ޖެހި ޑިވައިޑަރުތައް ހަލާކުވުމުގެ ފުރުސަތު އޮންނާނެ ކަމަށާ، އެކަމުގެ ސަބަބުން ހިނގާ އެކްސިޑެންޓުތަކުގެ ނުރައްކާތެރިކަން ބޮޑު ކަމަށެވެ. އެހެންވީމާ އެންމެ ރައްކާތެރި ގޮތަކީ ޑިވައިޑަރުތައް ކޮންކްރީޓުން ހެދުން ކަމަށެވެ.

އެކްސިޑެންޓާ ގުޅިގެން ޑިވައިޑަރުތައް ހަލާކުވުމުން އެމީހުންގެ އަތުން ޑިވައިޑަރުތަކުގެ ބަަދަލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ސުހައިލް ވަނީ ވިދާޅުވެފައެވެ.

ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ޖަހާފައިވާ ޑިވައިޑަރުތަކުގައި ވެހިކަލަކުން ޖެހި ޑިވައިޑަރުތަކުގެ ބޮޑުބައެއް ވަނީ ހަލާކުވެފައެވެ.

ހުޅުމާލެއާއި މާލެއާ ދެމެދުގައި ހަދާފައިވާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ވަނީ ހިނގާފައެވެ.