ނިމިދިޔަ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ބްރޮންޒް މެޑަލް މެޗުން ރާއްޖެ ބަލިވިއިރު މި މުބާރާތުގައި ރާއްޖެ ކުޅުނީ މެޑަލް ހޯދަން ކުޅޭ ކަހަލަ ރޫހެއްގައި ނޫންކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު ބުނެފިއެވެ.

މުބާރާތުގެ ބްރޮންޒް މެޑަލް މެޗު ނުވަތަ ތިންވަނަ ޓީމު ހޮވުމަށް ކުޅޭ މެޗުން ރާއްޖެ ބަލިވީ ތުރުކުމެނިސްތާން އާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މުޅި މުބާރާތުގައި ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވެވުނީ ހަމައެކަނި މުބާރާތް ބާއްވާ ނޭޕާލް އަތުން އެކަންޏެވެ.

މި މުބާރާތަށް ރާއްޖެ ތައްޔާރުވީ ރަން މެޑަލް ހޯދުމުގެ އަޒުމުގައެވެ. އަދި މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ ގިނަ ކަންތައްތަކެއްވެސް ވަނީ ކޮށްފައެވެ. މިއީ ގައުމީ ވޮލީ ޓީމަށް މުބާރާތަކަށް ފުރުމުގެ ކުރިން އެންމެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވި ފަހަރެވެ. އެއީ ސާބިއާގެ ޓްރެއިނިން ކޭމްޕާއި ލަންކާއާއެކު ރާއްޖޭގައި ކުޅުނު ތިން މެޗުގެ އިތުރުން އައިއޯއައިޖީގެ މެޗުތައް ހިމެނެއެވެ.

ނޭޕާލް ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް ރާއްޖެ ދަތުރުކުރީ ގްރޫޕުގެ ދެވަނަ ހޯދައިގެންނެވެ. ސެމީގައި ރާއްޖެ ބައްދަލުކުރީ އުޒްބަކިސްތާނާއެވެ. މި މެޗުންވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗަކަށްފަހު މެޗެއް ދިވެހި ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރުބަލިކަމެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ވޮލީބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު ބުނީ މެޑަލް ހޯދުމަށް ކޯޓު މަތީގައި ކުރަންޖެހޭ އެއްވެސް ކަމެއް ކުޅުންތެރިންގެ ކިބައިން ނުފެންނަކަމަށެވެ. އަދި މުޅި މުބާރާތަށް ބަލާއިރުވ ރާއްޖެ ޓީމުން ފާހަގަވި އެއްކަމަކީ ބްލޮކްކުރުމުގެ މައްސަލަކަމަށާއި ކުޅުންތެރިންނާ ޗެލެންޖް ކުރާނެ އިތުރު ކުޅުންތެރިން ނެތި ކަންކަން ރަނގަޅުނުވާނެ ކަމަށެވެ.

ގައުމީ ވޮލީ ޓީމު އެންމެ އަވަހަށް ދެން ވާދަކުރާނީ ނޭޕާލްގައި އަންނަ ޑިސެމްބަރުގައި ބާއްވާ ސާފް ގޭމްސް ގައެވެ.