ގައުމީ ވޮލީބޯޅަ ޓީމު ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި މެޑަލްއެއް ހޯދޭނީ ޓީމަށް ބަދަލުތަކެއް ގެނެސްގެން ކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން އަލީ ހުޒާމް ބުނެފިއެވެ.

މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ތުރުކުމެނިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވި މެޗަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުން ހުޒާމް ބުނީ ޓީމަކީ ވަރަށް ޒުވާން ޓީމެއް ކަމަށާއި ޕްރެޝަރުގައި ކުޅޭ މެޗުތަކުގައި ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިއަކު ބެންޗުގައިވެސް ނެތްކަމަށެވެ.

ޓީމުގެ ބެންޗަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ދެކޭ ކަމަށާއި ތަޖުރިބާ ހުރި ކުޅުންތެރިން ބެންޗުގައި ހިމަނަން ޖެހޭކަމަށެވެ. އަދި މުބާރާތެއްގައި ޖެހިޖެހިގެން ހަތަރު މެޗު އެއްބައެއް އަރުވައިގެން ކުޅުމަކީ ނުވާނެކަމެއް ކަމަށާއި ކޮންމެ މެޗަކަށްވެސް ނުކުންނަނީ ހަމަ އަބަދުވެސް އަރާ ހަ ކުޅުންތެރިން ކަން ހުޒާމް ފާހަގަކުރިއެވެ.

އެހެންކަމުން ކުރިޔަށްއޮތް ތަނުގައި މެޑަލެއް ހޯދެން އޮތީ ޓީމަށް ބަދަލުތަކެއް ގެނެސްގެންކަމަށް ކެޕްޓަން ހުޒާމް ފާހަގަކުރިއެވެ. އަދި މެޑަލް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް ހުޒާމް ފާހަގަކުރިއެވެ.

ނޭޕާލްގައި މިހާރު ކުރިޔަށްދާ އޭވީސީ މެންސް ސީނިއަރ ސެންޓްރަލް ޒޯން ވޯލީބޯލް ޗެމްޕިއަންޝިޕުން މެޑަލްއެއް ނުލިބި ރާއްޖެ މުބާރާތް ނިންމާލީ ހުސްއަތާއެވެ.

ހުޒާމް ބުނީ ކުރިޔަށް އޮތްތަނުގައި މެޑަލަކާ ހިސާބަށް ދިއުމަށް ޓީމުގެ ތެރޭގައިހުރި ކުދިކުދި މައްސަލަތައް ރަނގަޅުކުރަން ޖެހޭ ކަމަށާއި އެކަންކަން ރަނގަޅުވާނީ ވަރަށް ގިނަ ދުވަހު ފަރިތަކޮށްގެންކަމަށެވެ. އަދި ޓާގެޓް ހާސިލްނުވުމުން ދެރަވާ ކަމަށާއި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދޭކަމަށްވެސް ހުޒާމް ބުންޏެވެ.

ޖުމްލަ 7 ގައުމާއެކު ނޭޕާލްގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކިރްގިސްތާނެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އުޒްބަކިސްތާން ބަލިކޮށްގެންނެވެ.