ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ދެވަނަ އެސެސްމަންޓް ޓީމް ރާއްޖެ ޒިޔަރަތްކޮށްފިއެވެ.

ކޮމަންވެލްތުގެ ޓީމެއް އަނެއްކާވެސް ރާއްޖެއަށް ޒިޔާރަތްކޮށްފައި މިވަނީ ކޮމަންވެލްތުގައި ދިވެހިރާއްޖެއިން އަންނަ އަހަރުގެ ޖޫން މަހުގެ ކުރިން ބައިވެރި ވެވޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނިކޮށެވެ.

މިއަދު ވަޑައިގެންނެވި ކޮމަންވެލްތު ޓީމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ގަވަރނަންސް އެންޑް ޕީސް ޑައިރެކްޓަރޭޓްގެ ސީނިއަރ ޑިރެކްޓަރ ކެޓަލައިނާ ސަޕްލޯއެވެ.

ކޮމަންވެލްތު ޓީމުގެ ދަތުރުފުޅުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ޝަރުއީ ދާއިރާގެ ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވާނެއެވެ.

ކޮމަންވެލްތުގެ ފުރަތަމަ އެސެސްމަންޓް ޓީމް ރާއްޖެއަށް ވަޑައިގެންފައިވަނީ ކޮމަންވެލްތުގެ މެމްބަރުކަން އަލުން ދިވެހިރާއްޖެއަށް ދިނުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެދިވަޑައިގަތުމާއި ގުޅިގެންނެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބު އޮބްޒާވް ކުރެއްވި ކޮމަންވެލްތުގެ ޓީމުން ވަނީ އެ ފަރާތުގެ ހޯދުންތަކަށް ބިނާކޮށް ޕްރިލިމިނަރީ ބަޔާނެއް ނެރެފައެވެ.

އެގޮތުން ނެރުއްވި ބަޔާނުގައި އިންތިހާބުގެ ކަންކަން ކަށަވަރުކުރުމަށް ރަނގަޅު މާހައުލެއް ގާއިމުކުރެވިފައިވާ ކަމާއި، ވޯޓްލީ ދުވަހު ކަންކަން ހިނގާދިޔަ ގޮތް ރަނގަޅުކަން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމަކަށްވުމަށް ދިވެހިރާއްޖެއިން ހުށަހަޅަންޖެހޭ ހުރިހާ ލިޔުމެއް މިދިޔަ ޖޫންމަހު މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއަށް އަރުވާފައެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެ އަނެއްކާވެސް ވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އަދި ކޮމަންވެލްތުގެ މެމްބަރަކަށްވުމަށް އަލުން ހުށަހެޅުމަށް މިސަރުކާރު ވެރިކަމަށް އައި ފުރަތަމަ ހަފްތާގެ ތެރޭގައިވަނީ ނިންމާފައެވެ