އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން އެޓީމު ބަލިވެއްޖެ އެވެ.

ލީގުގައި މިރޭ އާސެނަލާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުން އެޓީމު މޮޅުވީ 3-1 އިންނެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗުގެ ކުރީކޮޅު އާސެނަލްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެކަމަކު ފުރަތަމަ ހާފުގައި ލީޑު ނަގާފައިވަނީ ލިވަޕޫލުންނެވެ. ފުރަތަމަ ހާފު ނިމެން 4 މިނެޓަށް ވެފައިވަނިކޮށް ޓްރެންޓް އެލެކްޒެންޑާ-އާނޯލްޑް ނަގައިދިން ކޯނަރަކުން މި ގޯލް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖޮއެލް މަޓިޕެވެ.

ދެވަނަ ހާފުގައި ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ދެވަނަ ހާފު ފަށައިގެން 4 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ފުޅާކޮށްފައެވެ. ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހުއަށް އޭރިއާ ތެރެއިން އާސެނަލްގެ ޑޭވިޑް ލުއިޒް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ލިވަޕޫލަށް ޕެނަލްޓީއެއް ދިންއިރު، ސަލާހު ވަނީ ފަސޭހަކަމާއެކު ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

ލިވަޕޫލްގެ ތިންވަނަ ގޯލުވެސް ޖެހީ ސަލާހު އެވެ. އޭނާ މިގޯލް ކާމިޔާބުކުރީ 58 ވަނަ މިނެޓުގައި އާސެނަލްގެ ހާފުގެ މެދަކާ ހިސާބުން ބޯޅަ ހިފައިގެން އައިސް އޭރިއާ ތެރެއަށްވަދެ ފޮނުވާލި ހަމަލާއަކުންނެވެ.

މި މެޗުގައި އާސެނަލްއިން ޖެހި ހަމައެކަނި ގޯލް 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތރިއެއްގެ ގޮތުގައި ކުޅެންއެރި މިޑްފީލްޑަރު ލޫކަސް ޓޮރެއިރާ އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލް އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް 9 ޕޮއިންޓު ހޯދައިގެންނެވެ. އާސެނަލް އޮތީ ދެވަނައިގައި 6 ޕޮއިންޓާއެކު އެވެ.